ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތަށް ބަލާއިރު ސިޔާސީ މީހުން ވެސް މަރާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގެ ވާހަކަ ދައްކަވަމުންނެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ސިޔަސީ މީހުން މަރާނެ ކަމަށާއި މީގެ ކުރިން ވެސް މަޖިލީހުގެ މެންބަރުން ކަތިލެވިފައިވާ ކަމަށެވެ. ނިޒާރު އިޝާރާތް ކުރެއްވީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ޝަހީދުކޮށްލެވުނު އުނގޫފާރު ދާއިރާގެ މެންބަރ ޑރ. އަފްރާޝީމް އަލީ އަށެވެ.
ޑރ. އަފްރާޝީމްގެ އިތުރުން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަވަހާރަކޮށްލުމަށް ހަމަލާއެއް ދެވުނުކަން ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން މަރާލެވިދާނެ. މަރާލެވިދާނެ. މިރާއްޖޭގައި ސިޔާސީ މީހުން މަރާނެ މަރާނެ ސިޔާސީ މީހުން މަރާނެ. ޝައްކެތް އޮތް ކަމެއް ނޫން މަރަމުން މިދަނީ. މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަތިލެވިފައި ވަނީ" -އަލީ ނިޒާރު-
ނިޒާރު ވިދާޅުވި ގޮތުގައި މިރާއްޖޭގެ ހާލަތު ކުރިއަށް ވުރެ މާ ނުރައްކާ ވެފައިވާ ކަމަށާއި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށެވެ. އަދި މިހާލަތަށް ޤައުމުގެ ކަންކަން ދިއުމުގެ ޒިންމާ ސިފައިންނާއި ފުލުހުން ނަގަން ޖެހޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
" ރައީސް ޔާމީނަށް ހުޝާމަދުކޮށް ރައީސް ޔާމީން ދިފާއުކުރުމަށް ވާހަކަ ދެއްކުމަކީ ރައްޔިތުންގެ މައްޗަށް ހަރާންކޯރުވުން. އެކަން ނުކުރެވޭނެ އެކަން ކުރެވޭނީ ރައޔްިތުންގެ މައްޗަށް ލޯތްބެއް ހުރި ވެެރިއެއް ނަމަ." ނިޒާރު ވިދާޅުވިއެވެ.
މި ސަރުކާރުގައި އަނިޔާވެރިކަން އިސްކުރައްވަމުން ގެންދަވާ ކަމަށާއި ޤާނޫނީ ހައިިސިއްޔަތު ގެއްލިފައި ހުރި ވެރިއެއްގެ ދިފާއުގައި ކުރާނެ ކަމެއް ނޯންނާނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ދައުލަތް ފެއިލްވެފައިވާ ވާހަކަ އާއި ރާއްޖޭގައި އިންސާފު ނުލިބޭ ވާހަކަ އަކީ "ތޯތޯ ވާހަކައެއް" ނޫން ކަމަށާއި މިއީ މިގައުމުގެ ހަގީގީ ހާލަތު ކަމަށެވެ. އަދި އެކަންތައް ލޯމަތިން ފެންަނަމުންދާ ކަމަށެވެ.