ކޮށިގަނޑެއް ޖަހައި އޭގެ ނިވަލުގައި މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ބައިންދައިގެން ބޭއްވި ފުރަތަމަ ޖަލްސާ 13 މިނިޓް ނުވަނީސް ނިންމަވާލައްވައިފިއެވެ.
ޖަލްސާ ނިންމާލިއިރު އިދިކޮޅު މެމްބަރުން ތިއްބެވީ އިދާރީ މޭޒު ވަށައިގެން ހަދާފައިވާ ކޮށިގަނޑު ކައިރީ އިހްތިޖާޖިގައެވެ. ޖަލްސާ ނިންމަވާލެއްވީ މަޖްލިސްގެ ގަވާއިދަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހުމަށްފަހުއެވެ. ވޯޓަށް އެހުމުން ސަރުކާރަށް ނިސްބަތްވާ 28 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ، އަދި ހުށަހެޅި ހުށަހެޅުން ފާސްވިކަމަށް މަޖްލިސް ރައީސް ވަނީ އަންގަވާފައެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހުސަން މަނިކު ވިދާޅުވީ މަޖްލިސްގެ ގަވާއިދުގެ 201 ވަނަ މާއްދާ އާއްމު ކޮމެޓީން ފާސްކުރި ގޮތަށް ފާސްވެއްޖެކަމަށެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނެވީ އިއާޕްލަގެއް އަޅުއްވައިގެންނެވެ.