Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

އޭބީސީ އައްޑޫ އޮޕެންސް ބެޑްމިންޓަން މުބާރާތް ފަށައިފި

އައްޑޫ ބެޑްމިންޓަން ކްލަބް (އޭބީސީ)ން އިންތިޒާމްކޮށްގެން ހިތަދޫ ޔޫތު ސެންޓަރގައި ކުރިއަށްގެންދާ "އޭބީސީ އައްޑޫ ބެޑްމިންޓަން ޗެމްޕިއަންޝިޕް" މުބާރާތުގެ ކުޅުން ރޭ ފަށައިފިއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗް މެންސް ސިންގަލްސް މެޗް ސީދާ ދެ ސެޓުން ކާމިޔާބް ކުރީ ނާތިޖުއެވެ. އިބްރާހިމް މުހައްމަދު އާއި ވާދަކޮށް ނާތިޖު ސެޓް ގެންގޮސްފައިވަނީ 11-21 އަދި 14-21 އިންނެވެ.

ހިތަދޫ ޔޫތު ސެންޓަރުގެ ދެ ބެޑްމިންޓަން ކޯޓުގައި އެއްފަހަރާ މެޗްތައް ކުޅެން ތާވަލް ކޮށްފައިވާއިރު ވިމެންސް ސިންގަލް ފުރަތަމަ މެޗްގައި އަފްނާން އާއި ނީޒާ ބައްދަލު ކުރި މެޗް ފަސޭހަ ކަމާއި އެކު ކާމިޔާބް ކުރީ އަފްނާންއެވެ. އަފްނާން ސެޓްތައް ގެންގޮސްފައިވަނީ 9-21، އަދި 2-21 އިންނެވެ.

ރޭ ކުޅުނު ސިންގަލް ތިން ވަނަ މެޗްގައި ރިފާއު އާއި ނަޝީދު ވާދަކޮށް 2-1 ސެޓުން ކާމިޔާބް ކުރީ ރިފާއުއެވެ. ފުރަތަމަ ސެޓް ފޯރިގަދަ ކުޅުމަކަށް ފަހު ގެންދިޔައީ ނަޝީދުއެވެ. އެ ސެޓް ނަޝީދު ގެންގޮސްފައިވަނީ 16-21އިންނެވެ. ދެވަނަ ސެޓާއި ތިން ވަނަ ސެޓް ރިފާއު ގެންދިޔައީ 19-21 އަދި 16،21 އިންނެވެ.

މެންސް ސިންގަލް 4 މެޗްގައި އަހުމަދު ޝަރީފް އާއި ފަޒީލު ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވީ ފަޒީލުއެވެ. ފަޒީލު ސެޓް ގެންގޮސްފައިވަނީ 12،21 އަދި 14،21 އިންނެވެ.

ނީޒާ އަދި އާސިމާ ބައްދަލުކުރި މެޗް 9،21 އަދި 12،21 އިން ކާމިޔާބް ކުރީ އާސިމާއެވެ. މީގެ އިތުރުން ޝިފްނާ އަދި އަފްނާން ކުޅުނު މެޗް 16،21 އަދި 13،21 އިން ކާމިޔާބް ކުރީ އަފްނާންއެވެ.

މީގެ އިތުރުން ރިފާއު އަދި އިބްރާހިމް މުހައްމަދު ބައްދަލު ކުރި މެޗް 2 ސެޓް 1 ސެޓުން ކާމިޔާބް ކުރީ ރިފާއުއެވެ. ފުރަތަމަ ސެޓް 17،21 އިން އިބްރާހިމް ހޯދުމުން ފަހަތުން އަރައި ރިފާއު ވަނީ ދެ ސެޓް ހޯދައި މޮޅުވެފައެވެ. ރިފާއު ސެޓް ގެންދިޔައީ 11،21 އަދި 18،21އިންނެވެ.

ރޭ ކުޅުނު ސިންގަލްސް 9 ވަނަ މެޗްގައި ނާތިޖު އަދި ފަޒީލު ބައްދަލު ކުރި މެޗް 19،21 އަދި 16،21 އިން ކާމިޔާބް ކުރީ ނާތިޖުއެވެ.

ސިންގަލްސް 10 ވަނަ މެޗްގައި ޝަރީފް އަދި ނަޝީދު ވާދަކުރި މެޗް 2،21 އަދި 0،21 އިން ކާމިޔާބް ކުރީ ނަޝީދުއެވެ.

ރޭގެ ފަހު މެޗް ގައި އިބްރާހިމް މުހައްމަދު އަދި ފަޒީލު ވާދަކުރި މެޗް 19-21 އަދި 9-21 އިން ކާމިޔާބް ކުރީ ފަޒީލުއެވެ.

މިރޭވެސް މި މުބާރާތުގެ މެޗްތައް ކުޅޭނެއެވެ. މެޗް ފަށާނީ 8:15ގައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ބެންކް އޮފް މޯލްޑިވްސްއެވެ. ކޯ ސްޕޮންސަރ އަކީ އައްޑޫ ސިޓީ ކައުންސިލްއެވެ. އެސޯސިއޭޓް ޕާޓްނާއަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއެވެ. ޕްރިންޓިން ޕާޓްނާއަކީ ކޮންޓްރޯލް ޕީއެވެ. ހަބަރާއި މައުލޫމާތު ގެނެސްދޭނީ "އައްޑޫލައިވް"އިންނެވެ.