Last Updated: June 8, 21:45
Monday, June 8, 2026
ކުޅިވަރު

އައްޑޫން ހުނަރުވެރި ކުޅުންތެރިން ހޯދަން ބާއްވާ ސިލެކްޝަން މިއަދު

ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގައި އެންމެ ބޮޑު ސަމާލު ކަމެއް ހޯދި ޒުވާން ކުޅުންތެރިޔާ ހާޒިމް ފައުޒީ

ގައުމީ 19 އަހަރުން ދަށުގެ ފުޓްބޯޅަ ސްކޮޑަށް ހުނަރުވެރި ކުޅުންތެރިން ހޯދުމަށް އެފްއޭއެމުން ފަށާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީން ކުޅުންތެރިން ސްކައުޓް ކުރުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށް ގެންދާނެއެވެ.

""ޓުވާޑްސް ފިއުޗާ" ގެ ނަމުގައި އެފްއޭއެމުން މި ފަށާ ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ ސިލެކްޝަން އައްޑޫގެ 3 އަވަށެއްގައި ކުރިއަށް ގެންދާނެއެވެ. އެއީ ހިތަދޫ، ފޭދޫ އަދި މީދޫގައެވެ.

އެގޮތުން ހަވީރު 4 އިން އިރުއޮއްސި 6 އަށް ހިތަދޫ ޒޯން ސްޓޭޑިއަމާއި ފޭދޫ ފުޓްބޯޅަ ދަނޑު އަދި މީދޫ ދަނޑުގައި ސިލެކްޝަން އޮންނާނެ އެވެ. މި ސެލެކްޝަނުގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގައި 19 އަހަރުން ދަށުގެ ހުރިހާ ޒުވާނުންނަށް އޮންނާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެއެވެ.

އެފްއޭއެމްއިން ހުނަރުވެރި ކުޅުންތެރިން ހޯދުމަށް ކުރިއަށް ގެންދާ ސެލެކްޝަން އިއްޔެވެސް ކުރިއަށް ގެންދިޔައެވެ. މިއަދަކީ ސިލެކްޝަންގެ ފަހު ދުވަހެވެ.

19 އަހަރުން ދަށުގެ ޓީމުގެ ކޯޗުންގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ތުރުކީގެ ޖޭން ވަންލީ ވެސް ބައިވެރިވާ މި ސެލެކްޝަނުން 19 އަހަރުން ދަށުގެ ޓީމެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީމާއި އެކު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން މި މަހުގެ 21 ވަނަ ދުވަހު ހިތަދޫ ޒޯން ސްޓޭޑިއަމުގައި މެޗެއް ކުޅޭނެއެވެ.

ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ކުޅުނު އައްޑުއަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު ސައީދު (އައްމަޓީ) އަކީ ވެސް އައްޑޫގައި ކުރިއަށް ދިޔަ ވައިޑީޕީ ޕްރޮގްރާމްތަކުން ފާހަގަވި ކުޅުންތެރިންނެވެ.