މޯލްޑިވްސް ވޯޓާ އެންޑް ސިވޭރޭޖް ކޮމްޕެނީއިން ދޫކުރާ ފެނުގެ އަގު ކުޑަ ނުކުރެވިގެން އުޅެނީ އެމްޑީޕީ ސަރުކާރުން ޖަޕާނުގެ ކުންފުންޏަކާ ހެދި ޑީލެެއްގެ ސަބަބުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރޭ އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ އާ މަރުކަޒު، "އާރް.އޯ. އެނެކްސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ކުށްވެރިކޮށް ވާހަކަ ދެއްކުމަކީ މިސަރުކާރުގެ އިސް ބޭފުޅުންގެ އާންމު ކަމަކަށް ވެފައިވާއިރު މިފަހަރު ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވަނީ އޭރުގެ ސަރުކާރުން ޖަޕާނުގެ ހިޓާޗީޕްލާންޓް ޓެކްނޮލޮޖީ އަށް އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާ ވިއްކާލުމުން މިއަދު ކިތަންމެ ވަރަކަށް ފެނުގެ އަގު ތިރިކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ވާކަށް ނެތް ކަމަށެވެ.
ނަޝީދުގެ ސަރުކާރުން އެ ޑީލު ހަދާފައިވަނީ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ހީކޮށް ކަމަށާއި ނަމަވެސް ކަން ނިމުނު އިރު ކަންވީ އެއާ ޚިލާފަށް، ރައްޔިތުންނަށް ބޮޑު ގެއްލުމަކާއެކު ކަމަށް މިނިސްޓަރު އިތުރުކޮށްފައިވެއެވެ.

އޭރުގެ ސަރުކާރުން 20 ޕަސެންޓު ހިއްސާ 16 މިލިއަން ޑޮލަރަށް ވިއްކާލާފައިވާއިރު އޭރުވެސް 20 ޕަސެންޓު ހިއްސާ އަގު ކުރެވެނީ 25 މިލިއަން ޑޮލަރަށް ކަމަށާއި މިހާރު އެހިއްސާ އަނބުރާ ގަންނަން ޖެހުނަސް ދިވެހި ސަރުކާރުން ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެހެންކަމުން ކިތަންމެހައި ވޮލިޔުމް އަކުން ޕްރޮޑަކްޝަން އައިކަމުގައިވިޔަސް ފެނުގެ އަގު ކުޑަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.