މަގު ހެދުމުގެ މަސައްކަތް ކުރުވައިގެންނާއި ފެނަކަގައިގެ ދަށުން ހިންގަމުން އަންނަ ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް އައްޑޫ ސިޓީ ކައުންސިލުން ހަ މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހޭ ކަމަށް ފެނަަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ކައުންސިލް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް މިހާތަނަށް ދައްކާފައި ނެތް ކަމަށެވެ. އަދި ފައިސާއެއް ދައްކަން ޖެހިފައި ނެތް ކަމަށް ކައުންސިލުން ތަކުރާރުކޮށް ބުނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ ކައުންސިލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތް ވެސް، އެސްޔޫއެލް އިން ލައްވައި ކުރުވަމުން އަންނަ އިރު ދާދި ފަހުން ލިންކް ރޯޑް މަރާމާތުކޮށްގެން ލިބެން ޖެހޭ ފައިސާ ވެސް ނުލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރީ ފައިސާ ލިބޭނެ ކަމަށް ބުނުމުން ކަމަށެވެ.
އެކަމަކު މަސައްކަތް ނިންމާލިތާ އެތައް ދުވަހެއްވީ އިރު ވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ފެނަކަ އިން ބުންޏެވެ. ނިމާލް އަދި ވިދާޅުވީ ކައުންސިލް ދައްކަން ޖެހޭ ފައިސާތަކުގެ ބިލްތައް ވެސް ފެނަކައިގެ އެބަހުރި ކަމަށެވެ. އަދި މީޑިއާތަކުން ބޭނުންވާ ނަމަ އެ ބިލްތައް ދެއްކުމަށް ވެސް ފެނަކަ ތައްޔާރަށް އޮތް ކަމަށެވެ.
މިކަމާ ގުޅިގެން ކައުންސިލަރު ހުސައިން ހިލްމީ އޭނާގެ އެފްބީ ޕޭޖްގައި އިއްޔެ ބުނެފައި ވަނީ "ތިޔަ ވިދާޅުވާ ބިލްތަކުގެ ތަފުސީލް އާންމު ކުރަން ވެއްޖެ ނޫން" ކަމަށެވެ.
ނިމާލް އިތުރަށް ވިދާޅުވީ 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓަށް އިމާރާތް ކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ކަރަންޓް ދީގެން ވެސް އެންމެ ލޯ ލާރިއެއް ވެސް މިހާތަނަށް ނުލިބޭ ކަމަށެވެ. އަދި ސާކް ސަމިޓް ދުވަސްވަރު އެސްޔޫއެލްގެ ބަޖެޓުން ކަމާ ނުބެހޭ މީހުންނަށް ކާންދީ ބޭކާރު ބޮޑެތި ހަރަދުތަކެއް ކޮށްފަައިވާ ކަމަަށް ވެސް ނިމާލް ވިދާޅުވި އެވެ.
އެހެން ނަމަވެސް މިފަދަ މައްސަލަތައް މިހެން ހުރި ނަމަވެސް ކައުންސިލުން އުޅެނީ ހަގީގަތާ ހިލާފް ވާހަކަ ދައްކައިގެން ރައްޔިތުންނަށް އޮޅުވާލަން ކަމަށް ނިމާލް ވިދާޅުވި އެވެ.
އެގޮތުން އެސްޔޫއެލް އަށް ލިބޭ އާމްދަނީން ފެނަކައިގެ ދަށުގައި ހުރި ހުރިހާ އިންޖީނު ގެތައް ހިންގާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ނިމާލް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ތަކުރާރުކޮށް ބުނަމުން ދަނީ ފެނަކަ ހިންގަން އުޅެނީ އެސްޔޫއެލް އަށް ވަންނަ ފައިސާ އިން ކަމަށާއި އެ ކުންފުނި ނޫނީ ފައިދާއެއްވާ ޔުުޓިލިޓީ ކުންފުންޏެއް ނެތް ކަމަށެވެ. އަދި އައްޑޫގެ ކަރަންޓްގެ ހާލަތު މިހާ ދަށްވެގެން އުޅެނީ ފެނަކައިގެ ސަބަބުން ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.