ރޭ ހިތަދޫގައި ތޫނު އެއްޗަކުން ޒުވާނެއްގެ ބަނޑަށް ހަމަލާ ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ސައުތު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރޭ ހިތަދޫ މަލްޓި ފިހާރަ ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެމީހަކު ވަނީ ޒަހަމްވެފައެވެ. އޭގެ ތެރެއިން އެކެއްގެ ބަނޑަށް ވަޅި ހަރާފައިވާއިރު އަނެއް މީހާގެ ބޮލަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.
ބަނޑަށް ހެރި ވަޅި އާއިއެކު އެޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދަށް ދިޔަ ފުލުހުންނެވެ. ހާދިސާ ހިނގި ވަގުތަކީ އެ ސަރަހައްދުން ކަރަންޓް ކަނޑާލާފައި އޮތް ވަގުތެވެ. މުޅި ސަރަހައްދު އޮތީ ބިރުވެރިކަމާއި ނާމާން ކަމުގައެވެ.