ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ދައުލަތުން އިހުމާލުވެ، ފޯރުކޮށްދޭން ޖެހޭ ހިމާޔަތް ފޯރުކޮށްދީފައި ނުވާތީ ދައުލަތާ ދެކޮޅަށް ޓީވީ ޗެނަލުން ދައުވާ އުފުލައިފިއެވެ.
ރާއްޖެ ޓީވީ ރޯކޮށްލި ހާދިސާއަށް ހޮނިހިރު ދުވަހަށް ހަތަރު އަހަރު ވެފައިވާއިރު އަދިވެސް އިންސާފު ލިބިފައިނުވާ ކަމަށް ރާއްޖެ ޓީވީން ބުނެއެވެ. އެންމެ މީހަކާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލައި، އަދިވެސް އެ ޝަރީއަތް ނިމިފައިނުވާތީވެސް ރާއްޖެ ޓީވީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދައުލަތާ ދެކޮޅަށް މިއަދު ރާއްޖެ ޓީވީން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ ސަރުކާރުން އެ ޓީވީ ޗެނަލާ މެދު އިހުމާލުވެފައިވާ ކަމަށް ބުނެ ހައްގު ހޯދުމަށެވެ.
ލިބުނު ގެއްލުމުގެ އަދަދު 11.6 މިލިއަން ދިވެހި ރުފިޔާއަށް އަރާއިރު މިހާބޮޑު ގެއްލުމެއް ލިބުމުން ސަރުކާރުގެ އެހީއަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީއަށް މިއަދާ ހަމައަށްވެސް ޖަވާބެއް ލިބިފައިނުވާ ކަން ރާއްޖެ ޓީވީން ވަނީ ފާހަގަކޮށްފައެވެ.
އޭރުގެ ސަރުކާރުން އެޖަރީމާ ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ނުފޮރުޅާނެ އެންމެ ގާކޮޅެއްވެސް ނުބާއްވާނެ ކަމަށް ބުނި ނަމަވެސް އެންމެ ޒުވާނެއްގެ މައްޗަށް ފިނިހަކަ ސްޕީޑުގައި ކުރިއަށްގެންދާ ޝަރީއަތަކީ ބަލައިނުގަނެވޭނެ ކަމެއް ކަމަށް ރާއްޖެ ޓީވީން ބުނެއެވެ.