ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުން މާޒީގައި ޔޫރަޕަށް ގޮސް ލައްކަ ގިނަ ދޮގެއް ހަދާފައިވާ ކަމަށާއި ނަމަވެސް ދެން ހަދާނެ އިތުރު ދޮގެއް ނޯންނާނެ ކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އެދިވަޑައިގެން ޕީޕީއެމްގެ ފަރާތުން ބައެއް މަޖިލިސް މެމްބަރުން ޔޫރަޕަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނިހާން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެބޭފުޅުންގެ ޓީމުން އައީ ޖެނީވާއަށް ގޮސް ނަޝީދުގެ ޓީމުން ހަދާފައިވާ ދޮގުތައް ސާފުކޮށްދީފައި ކަމަށެވެ.
މިސާލު ޖައްސަވަމުން ނިހާން "މިހާރު" ނޫހަށް ވިދާޅުވެފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ޖަލްސާއެއް އޮތް ކަމަށް ނަޝީދު ވިދާޅުވެފައިވުމުން އެދުވަހަކީ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާނެ ކަމަށް އަންގާފައިވާ ދުވަހެއް ކަމަށްބުނެ އެކަން ސާފުކޮށްދީފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ހިނގަމުންދާ ގޮތާއި ބެހޭ މައުލޫމާތު އެފަރާތްތަކަށް އަރުވާފައިވާ ކަމަށާއި ކުރިން ހަދާފައިވާ ދޮގުތައް ސާފުކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ނިހާން ވަނީ ކުރިން ރައީސް ނަޝީދު އެމަނިކުފާނުގެ ކުރިން ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ގޯސް ވާހަކަތައް އެކި މޭރުމުން ބޭރުގެ އެކި ފަރާތްތަކުގެ އަރިހުގައި ދައްކާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ރައީސް މައުމޫން ރަނގަޅުވެ އެމަނިކުފާނު ދިފާއުކޮށް ވާހަކަ ދައްކާ ކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.