ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ހައްޔަރުކުރި އަފްރާހު އަބްދުއްރަޒީގްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާން ކުރުމުން ފިލާފައިވާ އަފްރާހު އިއްޔެ އަތުލައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިއަދު އޭނާގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހާފައެވެ.
އަފްރާހް ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ޖަމާލުއްދީން މިސްކިތް ކައިރީގައި ހުރި ގެއަކުންނެވެ. ފުލުހުން ވަނީ މީގެ ކުރިންވެސް އަނަސް މަރާލި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.
އަދި އެމީހުންގެ ތެރެއިން ބައެއް މީހުންނަކީ އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.