Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެސްޓީއެލްގެ ތިންލައްކަ އަށް ވުރެ ގިނަ ރުފިޔާ އަށް ވީނުވީއެއް ނޭނގޭ: އޮޑިޓް

އައްޑު އާއި ފުވައްމުލަކުގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރު ކުރުމަށް އުފެއްދި ސަދަން ޓްރާންސްޕޯޓް ލިންކު (އެސްޓީއެލް) އިން ތިން ލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ އެސްޓީއެލްގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެކުންފުންޏަށް ލިބިފައިވާ ފައިސާ ތަކުގެ ތެރެއިން ތިން ލައްކައަށް ވުރެ ގިނަ ފައިސާ ބޭންކު ކޮށްފައި ނުވާކަމަށާއި އެފައިސާއަށް ވީގޮތެއް ބުނެދެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެކުންފުންޏަށް ލިބުނު ފައިސާގެ ތެރެއިން 67،000 ރުފިޔާ އަމިއްލަ ދެމީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލަ ވެސް ވަނީ ތިލަވެފައެވެ.

މީގެ އިތުރުން ލޯންޗު ކުއްޔަށްދީގެން ލިބުނު 12،000 ރުފިޔާ އާއި ދަތުރުތަކަށް ލިބެން ޖެހޭ 25،000 ރުފިޔާ ލިބިފައި ނުވާކަން ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައެވެ. އަމިއްލަ ދެ މީހެއްގެ އެކަންޓަށް ޖަމާކުރި ފައިސާ އަކީ ކުރިން އެކުންފުނީ ފައިނޭންސް އެންޑް އެޑްމިން މެނޭޖަރ އާއި ގުޅުމެއް އޮތް މީހެއްގެ އެކައުންޓްތަކެވެ.

އެސްޓީއެލްއަށް ލިބެން ޖެހޭ ފައިސާ ނުލިބިވާކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާްއިރު ތިން ލައްކައެއްހާ ރުފިޔާގެ އައުޓްބޯޑް އިންޖީނެއް ވެސް ވަނީ މީގެ ކުރިން އެކުންފުނިން ގެއްލިފަ އެވެ. އަދި އެމައްސަލާގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފައިވެ އެވެ.