Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މައްސަލަ ހައްލެއް ނުވޭ، މިއަދާއި މިރޭ ވެސް ކަރަންޓް ކަނޑާނެ

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރުތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ނުކުރެވޭތީ މިއަދާއި މިރޭ ވެސް ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށް ފެނަކަ އިން ހިންގާ މަރުކަޒީ އިންޖީނުގެ އިން ބުނެފިއެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ގަޑިތައް ގޭބިސީތަކަށް އެންގުމަށް ފެނަކައިން ވަނީ ނޯޓިސް ފޮނުވާފައެވެ. އެހެން ނަމަވެސް ނޯޓިސްގައި ވާގޮތާއި ޚިލާފަށް ވެސް ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށް ފެނަކަ އައްޑޫ އޮފީހުން މައުލޫމާތު ދެއްވައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ފެނަކައިގެ އޮފިޝަލަކު ބުނީ، މިއަދުވެސް ކަރަންޓު ކަނޑާނީ ކަނޑައެޅިފައިވާ އެކި ސަރަހައްދުތަކުން 1 ގަޑިއިރަށް ކަމަށެވެ. އެހެން ނަމަވެސް ބައެއް ސަރަހައްދުތަކުން 1 ގަޑިއަރަށް ވުރެ ގިނައިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ގެންދަނީ ކުރަމުންނެވެ

މަރުކަޒީ އިންޖީނުގެއިން ލޯޑު ކުޑަކުރުމުގެ ގޮތުން ގުޅިފައިވާ ރަށްތަކުގެ ގިނަ ހިސާބުތަކުގެ މަގު ބައްތިތައް ވެސް ކޮންމެ ރެއަކު ނިއްވާލައެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ދޭތެރެއަކުން ކަރަންޓު ކެނޑުމަކީ އަބަދުވެސް ދިމާވެފައިވާ މައްސަލައެކެވެ. އެ މައްސަލަ އިތުރަށް ބޮޑުވެފައިވަނީ އިންޖީނުގޭގައި ބޭނުންކުރާ 11 ޖެންސެޓްގެ ތެރެއިން 4 ޖެންސެޓަކަށް މައްސަލަ ޖެހުމާއި ގުޅިގެންނެވެ.

މައްސަލަ ޖެހުނު 1 ޖެންސްޓް މަރާމާތު ކޮށްފައިވާއިރު، ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 2 ޖެންސެޓް އައްޑޫއަށް ފޮނުވަން ފެނަކައިން ވަނީ ނިންމާފައެވެ. ފެނަކައިން މައުލޫމާތު ދޭ ގޮތުގައި އެ ޖެންސެޓްތައް ގެނައުމުން ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެއެވެ.