ޑިމޮކްރަސީ އަކީ ގައުމެއް ނެތި ފަނާކޮށްލުމަށް ހަމަނުޖެހުން އުފައްދައި އެއަށް ބާރުއެޅުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ އުމުރުން ދުވަސްވީ މީހުންނާއި ރައީސް ޔާމީން އަދި އަނބިކަނބަލުން ފާތުމަތް އިބްރާހިމް ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޑިމޮކްރަސީގެ ނަމުގައި ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރިޔަސް އެކަމަށް ފުރުސަތެއް ނުދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ގައުމުގެ ސިފައިންނާއި ފުލުހުންނަށް ހަމަލާ ދިނުމަށް ހިތްވަރުދީ އާންމު ތަންތަނަށް އެއްވުމަށް ގޮވާނުލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތަކަކީ ގައުމެއް ފުނޑުފުނޑު ކޮށްލުމަށް ލިބޭ ބާރެއް ކަމަށްވެސް ރައީސް ޔާމީން ވަނީ ސިފަކޮށްފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހަމަޖެހުން ނަގާލުމަށް ހިތްވަރުދީ ބާރު އަޅާ ނަހަދާ ކަމަށާއި ޑިމޮކްރަސީގެ ނަމުގައި އެފަދަ ކަންތައް ކުރުމަށް ފުރުސަތެއް ނުދޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ބޭރު ގައުމުތަކަށްގޮސް ރާއްޖެއާ މެދު ހައްގު ނޫން ވާހަކަ ދެއްކުމަށް އެއްވެސް ސިޔާސީ ލީޑަރަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށްވެސް ރޭގެ ހަފްލާގައި ރައީސް ޔާމީން ވިދާޅުވިއެވެ.