Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ނޫޑްލްސް: މިއީ މަޖާ ކަމެެއް ނޫން

ތަންކޮޅެއް ބިޒީކޮށް އުޅޭ މީހުންނަށް ރަނގަޅު ކާ އެއްޗެއް ތައްޔާރުކޮށްލަން ވަގުތު ނުލިބޭތީ، އެންމެ ފަސޭހައިން ކާލެވޭ އެންމެ އާންމު އެއްޗަކީ ނޫޑްލްސް އެވެ. އިންސްޓަންޓް ނޫޑްލްސްގެ އެކި ބާވަތްތައް މިހާރު ފަސޭހަކަމާ އެކު ބާޒާރުން ލިބެން ހުރުމުން، ނޫޑްލްސްއަކީ ދިވެހިންގެ ވަރަށް އާންމު ކެއުމެއް ވެސް މެ އެވެ.

ސަބަބަކީ އެއީ އަވަހަށް އަަދި ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗަކަށްވާތީ އެވެ. އަނެއްކޮޅުން ނޫޑްލްސްއަކީ ކާލަން މީރު ލުއި އެއްޗެކެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ނޫޑްލްސް ކިތަންމެ މީރަސް އެއީ ސިއްހީ ގޮތުން ރައްކާތެރި އެއްޗެއް ނޫނެވެ. ސިއްހީ ތަޖުރިބާކާރު އަންނަނީ އޭގެ ރަނގަބީލު ޖަހަމުންނެވެ. އެހެންވީމާ ނޫޑްލްސް ކެއުމަކީ އެއްގޮތަކަށް ވެސް މަޖާ ކަމެއް ނޫނެވެ.

ވީމާ އިންސްޓަންޓް ނޫޑްލްސްއާ ވީހާ ވެސް ބޮޑަށް ދުރުވާށެވެ. އެހެން ނޫނީ ބައެއް ކަހަލަ ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

* ލޭމަތިވުން:

ސިއްހީ ތަޖުރިބާކާރުން ބުނަނީ ނޫޑްލްސްގައި ވަރަށް މަތީ މިންވަރަކަށް ސޯޑިއަމް އެކުލެވިގެންވާތީ އެއީ ލޭގެ ޕްރެޝަރު ހިއްލައިލަ ދީފާނެ އެއްޗެއް ކަމަށެވެ. އެގޮތުން ނޫޑްލްސްއަކީ އެންމެ މަތީ މިންވަރަކަށް ސޯޑިއަމް އެކުލެވިގެންވާ ކާނާގެ އެއް ބާވަތެވެ. އެހެންވެ ލޭގެ މައްސަލަ ހުންނަ މީހުން ވަކިން ބޮޑަށް ނޫޑްސްލް އާ ދުރުވާން ޖެހެ އެވެ.

އާންމުކޮށް ނޫޑްލްސް ކައި އުޅޭ މީހުންގެ ފަރާތުން ފެންނާނެ އެއް އަލާމާތެއްގެ ގޮތުގައި އެ މީހުންގެ ފައިތިލަ އާންމުކޮށް ފުފިފައި ހުރުން ފާހަގަ ކުރެވޭނެ އެވެ. މީގެ އިތުރުން އިންސްޓަންޓް ނޫޑްލްސް ކާ ނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމާއި ހަކުރުގެ މައްސަލަ ވެސް ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

* ބައިގެން ދިއުން:

ސިއްހީ ތަޖުރިބާކާރުން ބުނަނީ އަންހެނުން މާބަނޑު ދުވަސްވަރު ނޫޑްލްސް ކެއުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އޭގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން، ހަށިގަނޑަށް ލިބޭ ގެއްލުމަކުން ދަރިފުޅު ބައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ސިއްހީ ތަޖުރިބާކާރުން ބުނަނީ މާބަނޑު ދުވަސްވަރު އެއްގޮތަކަށް ވެސް ނޫޑްލްސް ނުކާށޭ އެވެ.

* ފަލަވުން:

ލޫޅާފަތި ރީތި ހަށިގަނޑަކަށް އެދޭ މީހަކު ނަމަ އިންސްޓަންޓް ނޫޑްލްސްއާ ކޮންމެހެން ވެސް ދުރުވާން ޖެހޭނެ އެވެ. އާންމު ކެއުމަކަށް ނޫޑަލްސް ހަދައިފި ނަމަ ފަލަވުމުގެ ފުރުސަތު ވެސް ބޮޑެވެ. ސިއްހީ ތަޖުރިބާކާރުން ބުނަނީ ކޮންމެ ދުވަހަކު ނޫޑްލްސް ކެއުމަކީ ހަކުރުފުޅިއެއް ބުއިން ކަހަލަ ކަމެއް ކަމަށެވެ. ހަކުރު ބުއީމާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

* ހަޖަމް ކުރުމުގެ މައްސަލަ ދިމާވުން:

ނޫޑްލްސްއަކީ އެއްވެސް ވަރަކަށް ފައިބަ އެކުލެވިގެންވާ އެއްޗެއް ނޫނެވެ. ނަތީޖާއަކީ ހަޖަމު ކުރުމުގެ މައްސަލަތައް ދިމާވެ، ބޮޑުކަމުދިއުން ފަދަ ކަންކަމަށް ދަތިވުމެވެ.

* މޮނޮސޯޑިއަމް ގުލަޓަމޭޓް:

މޮނޮސޯޑިއަމް ގުލަޓަމޭޓް ނުވަތަ އެމްއެސްޖީއަކީ ނޫޑްލްސް އަށް ތަފާތު ރަހަތައް ގެނެސްދޭން ބޭނުންކޮށްފައި ހުންނަ ބާވަތެކެވެ. އެކަމަކު މިއީ އެއްގޮތަކަށް ވެސް ރައްކާތެރި އެއްޗެއް ނޫނެވެ. ހާއްސަކޮށް ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށާއި އެލާޖިކްވާ މީހުން ނޫޑްލްސް ކާ ނަމަ ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވާނެ އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަނީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ނޫޑްލްސް އާދަކޮށް ކާން ދޭ ނަމަ ހެދިބޮޑުވުމަށް ހުރަސް އަޅާ ކަަމަށެވެ. އަދި އެލާޖިކް މައްސަލަ ހުންނަ މީހުން ނޫޑްލްސް ކެއުމުން ބޮލުގައި ރިއްސުމާއި މޫނުމަތި ރަތްވުން ފަދަ ކަންކަން ކުރިމަތިވާނެ އެވެ.