އެމެރިކާގެ އުތުރު ކެލިފޯނިއާގައި އަލިފާންގަނޑެއް ފެތުރި ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދާން އަންގައިފި އެވެ.
އަލިފާންގަނޑު ދަނީ ބާރު ސްޕީޑުގައި ފެތުރެމުންނެވެ. މިހާތަނަށް 10 މީހަކު މަރުވެފައިވާއިރު ބައެއް ގެތައްވެސް ވަނީ އަނދާ ހުލިވެފައެވެ. އެހިސާބުގައި ދިރިއުޅެމުންދިޔަ 20،000 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތްވުމަށް ގެދޮރު ދޫކޮށް ގޮސްފައެވެ.
އެނގިފައިވާ ގޮތުގައި އަލިފާންގަނޑު ރޯވީ ހޮނިހިރު ދުވަހުގައެވެ. އަދި ބާރު ސްޕީޑުގައި ފެތުރެން ފެށީ ރޭގެ ވަގުތެއްގައި ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެސަރަހައްދު ދޫކޮށް ދިއުމުގައި ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ބައެއް މީހުން ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާސްވެ، ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުންވެސް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
އެމެރިކާގެ ލޮސް އެންޖެލެސްގައި މިދިޔަ މަހުގެ ކުރީކޮޅުގައިވެސް މިފަދަ އަލިފާންގަނޑެއް ފެތުރި ބޮޑު ގެއްލުމެއް ވެފައިވެއެވެ. ސައިންޓިސްޓުން ބުނާ ގޮތުގައި މިފަދަ އަލިފާންގަނޑު ރޯވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުންނެވެ.