Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

ފަނޑިޔާރުން ނެގޭ ގޮތެއް ނުވި

ހައިކޯޓާއި، ސިވިލް ކޯޓު އަދި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ނެގުމަށް ތާވަލް ކުރި ޖޭއެސްސީގެ ބައްދަލުވުން ކޯރަމް ހަމަނުވެގެން ކެންސަލް ވެއްޖެއެވެ.

އިއްޔެ ހަވީރަށް ތާވަލް ކުރި މި ބައްދަލުވުން ކެންސަލް ކުރެވިފައިވާކަން ޖޭއެސްސީން ވަނީ ކަށަވަރުކޮށްދީފައެވެ.

ފަނޑިޔާރުން ނަގަން ފަސް ފަހަރަށް އިއްލާންކޮށް މިހާތަނަށް ކުރިމަތި ލެއްވި ބޭފުޅުންގެ އިންޓަވިއު ޕްރޮސެސް ވަނީ މިދިޔަ މަހު ފަހުކޮޅު ނިންމާފައެވެ. ދެން އޮތީ ކަމިޝަނުން ފަނޑިޔާރުން ސެލެކްޓް ކުރެއްވުމެވެ.

ފަނޑިޔާރު ނެގުމަށް ނިންމާފައިވަނީ ހައިކޯޓާއި ކްރިމިނަލް ކޯޓަށް ހަތަރު ފަނޑިޔާރުންނާއި ސިވިލް ކޯޓަށް ދެ ފަނޑިޔާރުންނެވެ.

ފަނޑިޔާރުން ނެގުމަށް އިއްލާން ކޮށްފައިވާ އިރު ހުޅުމީދޫގައި ހުޅުވި ހައި ކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައިވާތާ 9 މަސް ވަނީއެވެ. އެކޯޓުގައި މިހާރު ޝަރީއަތެއް ނުބޭއްވިގެން އުޅެނީ ފަނޑިޔާރުން ނެތިގެންނެވެ.