Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

"އެމްޑީޕީ މެމްބަރުން އުޅެނީ ގެރިން އުޅޭ ގޮތަށް"

އެމްޑީޕީ މެމްބަރުން މިހާރު މަޖިލީހުގައި އުޅެމުން ދަނީ ގެރި ކޮށްޓަކަށް ވަދެތިބި ގެރިންތަކެއް ގޮތަށް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަދި ކޮރަޕްޝަނުގެ ފައިސާ ގޯނިތައް އުފުލި ކަމަށް އަމިއްލަ އިއުތިރާފުވެވަޑައިގެންފައިވާ މުހައްމަދު އިސްމާއީލް ސިފަ ކުރައްވައިފި އެވެ.

އެމްޑީއޭ ތަމްސީލު ކުރައްވާ މެމްބަރުގެ ފާޑުކިޔުންތައް އިދިކޮޅު އެމްޑީޕީ މެމްބަރުންނަށް އަމާޒުވެފައި ވަނީ މަޖިލީހުގެ ޖަލްސާ ތެރޭގައި އިހުތިޖާޖުކޮށް އަޑުއުފުލުމުގެ ސަބަބުންނެވެ.

އޭނާ ވަނީ އެމްޑީޕީ މެމްބަރުންނަކީ މިއަދު "ނެތިކޮށްލަން" ޖެހިފައިވާ ބައެއް ކަމަށްވެސް ވިދާޅުވެފައެވެ. ޑިމްކޮރަސީގެ ނަމުގައި މެމްބަރުން ކުރިއަށް ގެންދަނީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށާއި އެއީ މަޖިލިސް މެމްބަރުންގެ ކިބައިން ގަބޫލުކުރެވޭ އަމަލެއް ނޫން ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.

"އަޅުގަނޑު ގޮވާލަން ދިވެހި ރައްޔިތުންނަށް އެމްޑީޕީއޭ ކިޔާ މީހުން މި ގައުމުން ނެތިކޮށްލަން، ފޮހެލަން."

މުހައްމަދުގެ ވާހަކަތަކަށް އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު ބައެއް މެމްބަރުން ވަނީ މެމްބަރު މުހައްމަދު އިސްމާއިލްގެ މޭޒު ކައިރިއަށް ގޮސް އަޑުއުފުލާފައެވެ.