އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މޭ 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ޖަލަށް ލުމަށް ހުކުމްކުރި މީހަކު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
މަރުވެފައިވަނީ ގ. ކީމާ، އަބްދުﷲ ރަޝީދު، 51، އެވެ. އޭނާގެ މައްޗަށް މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވެ 5 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ.
އައިޖީއެމް ހޮސްޕިޓަލުގެ އޮފިޝަލަކާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަބްދުﷲ ރަޝީދު ޖަލުން ހޮސްޕިޓަލަށް ގެނައީ ބޭރަށް ހިންގާތީއެވެ. އޭނާ މަރުވެފައިވަނީ ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް ގެނެސް، ފަރުވާ ދެމުން ދަނިކޮށެވެ.
މޭޑޭ މުޒާހަރާގެ ބައިވެރިން ހިންގި ހަމަނުޖެހުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ 9 މީހަކަށް ޖަލު ހުކުމް ކޮށްފައެވެ.