Last Updated: April 26, 23:00
Friday, April 26, 2024
ދުނިޔެ

ރޭލެއްގައި އަލިފާން ރޯކުރި ބަޔަކަށް މަރުގެ ޙުކުމް

ދެހާސް ދެވަނަ އަހަރު އިންޑިއާގެ ގުދްރާގެ ރޭލެއްގައި އަލިފާން ރޯކޮށްލި ހާދިސާގައި ހައްޔަރު ކުރެވުނު 11 މުސްލިމް ފިރިހެނުންނަށް މަރުގެ އަދަބު ދިނުމަށް ހުޅަނގު ގުޖްރާތް ސްޓޭޓްގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

އެ ހާދިސާގައި 59 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ހިންދޫންނެވެ. އެ ހަމަލާގެ ސަބަބުން މިހާތަނަށް އިންޑިއާގައި ހިނގި އެންމެ ވަރުގަދަ ހަޅުތާލު ފެށިގެންދިޔަ އެވެ. އަދި ހަމަނުޖެހުންތަކުގައި 1000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

މީގެ އިތުރުން ކޯޓުން ވަނީ އިތުރު 20 ފިރިހެނަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އިތުރު 63 މީހަކު އެހާދިސާގައި ބައިވެރިވެފައި ނުވާ ކަމަށް ހުށައެޅި އިސްތިއުނާފްގެ މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

މީގެ އިތުރުން ކޯޓުން ވަނީ ގޯދްރާ ރޭލު ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި އެއް މިލިއަން ރުޕީސް (15،310 ޑޮލަރު) ދިނުމަށް ގުޖްރާތްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ސަބަރްމަތީ އެކްސްޕްރެސް ދިޔައީ އުތުރުގެ ރަށެއް ކަމަށްވާ އަޔޯދްޔާ އިން ހިންދޫ އަޅުވެރިންނާއި އެކު ދަތުރު ކުރަމުންނެވެ. އެ ރޭލަށް ހަމަލާދީފައި ވަނީ މުސްލިމުންގެ ގޭންގަކުންނެވެ. އެމީހުން ވަނީ ގަދަކަމުން ރޭލު ހުއްޓުވައި، ރޭލުގެ އެއްބައިގައި އަލިފާން ރޯކޮށްފަ އެވެ.

ގުޖްރާތްގެ ސަރުކާރުން އެކުލަވާލި އެންކުއަރީ ކޮމިޝަނުން 2008 ވަނަ އަހަރު ބުނެފައިވާ ގޮތުގައި އެއީ ވަރަށް ރަނގަޅަށް ރާވައިގެން ހިންގި ކަމެއް ކަމަށެވެ.