Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ދަރިފުޅުގެ ބައްޕައަކީ އަންހެން ކުއްޖާގެ ބޮޑުބޭބެ

އިންޑިއާގައި ރޭޕްގެ ސަބަބުން ބަނޑުބޮޑުވެ، މިދިޔަ އޮގަސްޓް މަހު ވިހެއި އުމުރުން 10 އަހަރުގެ އަންހެން ކުއްޖާގެ ދަރިފުޅުގެ ބައްޕައަކީ އެކުއްޖާގެ ބޮޑުބޭބެއެއް ކަމަށް ފުލުހުން ބުނެފި އެވެ.

މީގެ ކުރިންވެސް އެކުއްޖާގެ އެހެން ބޮޑުބޭބެއެއްގެ މައްޗަށް އެކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި އެ ބޮޑުބޭބެ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެހެންނަމަވެސް ފޮރެންސިކް ތަހުލީލްތައް ކުރުމަށްފަހު ކުޑަކުއްޖާގެ ޑީއެންއޭ ސާމްޕަލްތައް އެ ބޮޑުބޭބެގެ ޑީއެންއޭ އާއި ދިމާނުވުމުން ފުލުހުން ވަނީ ޝައްކުކުރެވޭ އެހެން މީހަކު ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ޗަންދީގަރްގެ ސީނިއާ ސުޕާއިންޓެންޑެންޓް އޮފް ޕޮލިސް ނީލަމްބާރީ ވިޖޭ ބުނާ ގޮތުގައި ފުލުހުން ދަނީ މިހާރު ދެވަނަ ބޮޑުބޭބެ ގެ މައްޗަށް ތުހުމަތުކޮށް އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ދެވަނަ ބޮޑުބޭބެ އަކީ ފުރަތަމަ ބޮޑުބޭބެގެ ކޮއްކޮ އެވެ.

"ކުޑަކުއްޖާގެ ޑީއެންއޭ [ދެވަނަ] ބޮޑުބޭބެއާ ދިމާވޭ"، އޭނާ ބުނެއެވެ.

މި މައްސަލައިގެ ކޯޓް އަޑުއެހުމެއް މިއަދު އޮންނާނެ އެވެ.

ފުރަތަމަ ބޮޑުބޭބެ ވެސް އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ބެލެވޭތީ އޭނާ ފުލުހުންގެ ހައްޔަރުން ދޫކޮށްނުލެވޭނެ އެވެ.