Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ދިއްލީގައި ބަޑިބޭހުގެ ކުޅިވަރު މަނާކޮށްފި

މި މަހުގެ ފަހުކޮޅު ހިންދޫންގެ އެންމެ މުހިންމު އެއް ފެސްޓިވަލް ކަމަށްވާ ދިވާލީ އަންނައިރު، ވެރިރަށް ދިއްލީގައި ބަޑިބޭހުގެ ޙަރަކާތްތައް ހިންގުން އިންޑިއާގެ ސުޕްރީމް ކޯޓުން މަނާކޮށްފި އެވެ.

ކޯޓުން ބުނާ ގޮތުގައި ބަޑިބޭސް ބޭނުންކުރުން މަނާކުރުމުގެ ސަބަބުން ދިއްލީގެ ވައިގެ ކޮލިޓީއެއް އެއްވެސް ބަދަލެއް އަންނަތޯ ބަލަން ބޭނުންވާ ކަމަށެވެ. މުޅި ދުނިޔޭގައި ވެސް ވައިގެ ކޮލިޓީ އެންމެ ދަށް ސަރަޙައްދުތަކުގެ ތެރޭގައި ދިއްލީ ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން ދިއްލީގައި ބަޑިބޭސް ވިއްކުމާއި ބޭނުންކުރުން އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާއި ހަމައަށް މަނާކުރެވޭނެ އެވެ. ދިވާލީގެ ޙަރަކާތްތައް ފެށޭނީ އޮކްޓޯބަރު 18 ގައެވެ.

ދިވާލީ އަކީ އުތުރު އިންޑިއާގެ އެންމެ މުހިންމު އެއް ހިންދޫ ފެސްޓިވަލެވެ. އެއީ ނުބައިގެ މައްޗަށް ރަނގަޅުގެ ކާމިޔާބު ފާހަގަކުރާ ފެސްޓިވަލެކެވެ.

ސުޕްރީމް ކޯޓުން ބުނާ ގޮތުގައި އެ ހުކުމް ނެރުމުގެ ކުރިން ބަޑިބޭސް ގަނެފައިވާ މީހުންނަށް ބަޑިބޭސް ބޭނުންކުރެވިދާނެ ކަމަށެވެ.