ބްރޯޑްކާސްޓިން ކަމިޝަން (ބްރޯޑް)ގެ މެމްބަރ ފާޠިމަތު ޒޭނާ އެކޮމިޝަނުން ވަކި ކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ޒޭނާ ވަކި ކުރަން އެމްޑީޕީން ހުށަހެޅީ ރޭ ރަސްފަންނުގައި ރައީސް އަބްދުﷲ ޔާމީން އުމުރުން ދުވަސްވީ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީއެވެ.
މީގެ ކުރިންވެސް ޕީޕީއެމް އޮފީހުން އިންތިޒާމް ކުރާ ހަފްލާތަކުގައި ބައިވެރިވާ ޒޭނާ ރޭގެ ރަސްމިއްޔާތުގައި ބައިވެރިވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ބްރޮޑްކާސްޓިން ކަމިޝަނަކީ މިނިވަން މުސްތަގިއްލު ކަމިޝަނެއް ކަމުގައިވާ އިރު އެކޮމިޝަނުގެ މެމްބަރަކު ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ކޮމިޝަންގެ މުސްތަގިއްލުކަން ނެތްކަން ދޭހަކޮށްދޭ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމަށް އިދިކޮޅު އެމްޑީޕީން ފޮނުވި ސިޓީގައި ވިދާޅުވީ ރައީސްގެ ހަފުލާގެ އިންތިޒާމްތަކުގައި ފާޅުގައި ޒޭނާ އުޅުއްވުމުން އޭނާގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ރައީސް ބައިވެރިވެވަޑައިގެންނެވި އެ ހަފުލާއަކީ ބްރޯޑްކޮމްގެ ހަފުލާއަކަށް ނުވާތީވެ، އިންތިޒާމްތަކުގައި ޒޭނާގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.