Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އޭބީސީ އައްޑޫ އޮޕެންސް: ސިންގަލްސް މެޗްތައް ނިމިއްޖެ

އައްޑޫ ބެޑްމިންޓަން ކްލަބްއިން އިންތިޒާމްކޮށްގެން ހިތަދޫ ޔޫތު ސެންޓަރގައި މިހާރު ކުރިއަށްދާ "އޭބީސީ އައްޑޫ އޮޕެންސް ބެޑްމިންޓަން ޗެލެންޖް"ގެ މެންސް ސިންގަލް ފައިނަލަށް ނާތިޖު އަލީ އާއި ރިފާއު ގޮސްފިއެވެ.

ނާތިޖު ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗްތަކުގެ ތެރެއިން އެއް މެޗުން ބަލިވެގެންނެވެ. އެއީ ނާތިޖު އާއި އެކު ފައިނަލްގައި ވާދަކުރާ ރިފާއު އަތުންނެވެ. ރިފާއު ފައިނަލް ކަށަވަރު ކުރީ އެއް މެޗުންވެސް ބަލި ނުވެއެވެ.

ރޭ މުބާރާތުގެ އަންހެން/ ފިރިހެން ސިންގަލް މެޗްތައް ވަނީ ކުޅެ ނިމިފައެވެ. އަންހެން ސިންގަލްސް ފައިނަލަށް ދަތުރުކުރީ އަފްނާން އާއި ޝިފްނާ ހުސެއިންނެެވެ.

ރޭ ކުޅުނު ސިންގަލް މެޗްތަކަށް ބަލާލާއިރު އަހްމަދު ޝަރީފް އާއި ރިފާއު ބައްދަލު ކުރި މެޗް 10،21 އަދި 9،21 އިން ކާމިޔާބް ކުރީ ރިފާއުއެވެ.

މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރާ ނާތިޖު އާއި ނަޝީދު ކުޅުނު ފޯރިގަދަ މެޗް ނާތިޖު ގެންދިޔައީ 19،21 އަދި 7،21 އިންނެވެ.

އިބްރާހިމް މުހައްމަދު އާއި އަހްމަދު ޝަރީފް ކުޅުނު މެޗް އިބްރާހިމް ކާމިޔާވބް ކުރީ 13،21 އަދި 11،21އިންނެވެ.

ނަޝީދު އަދި ފަޒީލް ކުޅުނު މެޗް ނަޝީދު ގެންދިޔައީ 15،21 އަދި 10،21 އިންނެވެ.

ރޭ ކުޅުނު އެންމެ ފޯރިގަދަ މެޗަކީ ފައިނަލްގެ ޖާގަ ހޯދާފައިވާ ނާތިޖު އަދި ރިފާއު ކުޅުނު މެޗެޗެ. މި މެޗް 2 ސެޓް 1 ސެޓުން ކާމިޔާން ކުރީ ރިފާއުއެވެ. ފުރަތަމަ ސެޓް 15،21 އިން ރިފާއު ގެންދިޔަ އިރު ދެވަނަ ސެޓް ނާތިޖު ގެންދިޔައީ 19،21 އިންނެވެ. ފަހު ސެޓް ރިފާއު ގެންދިޔައީ 15،21އިންނެވެ.

މީގެ އިތުރުން އަންހެން ސިންގަލްސް ރޭގެ ފުރަތަމަ މެޗް ޝިފްނާ އާއި ނީޒާ ބައްދަލުކޮށް ފަސޭހަ ކަމާއި އެކު ކާމިޔާބް ކުރީ ޝިފްނާއެވެ. ސެޓްތައް ޝިފްނާ ގެންދިޔައީ 2،21 އަދި 5،21އިންނެވެ.

އަންހެން ފައިނަލްގައި އެއްކޮޅުން ވާދަކުރާ އަފްނާން އާއި އާސިމާ ބައްދަލު ކުރި މެޗް 21،7 އަދި 13،21 އިން ގެންދިޔައީ އަފްނާންއެވެ.

ރޭ ދެންކުޅުނީ ނާތިޖު އަދި ޝަރީފްއެވެ. އެމެޗް ނާތިޖު ގެންދިޔަ އިރު ރިފާއު އާއި ފަޒީލުގެ މެޗަށް ފަޒީލު ހާޒިރު ނުވުމުން މެޗް ވަނީ ރިފާއުއަށް ލިބިފައެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ޑަބަލްސް މެޗްތަކެވެ. މިރޭގެ މެޗްތައް ފެށޭނީ 8:30 ގައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ބެންކް އޮފް މޯލްޑިވްސްއެވެ. ކޯ ސްޕޮންސަރ އަކީ އައްޑޫ ސިޓީ ކައުންސިލްއެވެ. އެސޯސިއޭޓް ޕާޓްނާއަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއެވެ. ޕްރިންޓިން ޕާޓްނާއަކީ ކޮންޓްރޯލް ޕީއެވެ. ހަބަރާއި މައުލޫމާތު ގެނެސްދޭނީ "އައްޑޫލައިވް"އިންނެވެ.