Last Updated: June 11, 11:23
Thursday, June 11, 2026
މުނިފޫހިފިލުވުން

ސްޕީލްބާގްގެ ފިލްމަށް އަނުޝްކާ!

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ކަޝްމީރާ ބެހޭ ގޮތުން ހަދާ ފިލްމްގެ ބަތަލާއަކަށް ބޮލީވުޑްގެ ޒުވާން ބަތަލާ އަނުޝްކާ ޝަރްމާ ހަމަޖައްސައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ ފެންމަތިވެގެން މި އުޅެނީ މި ހަފުތާ ތެރޭގައި ސްޕީލްބާގް މުމްބާއީ އަށް ގޮސް ބޮލީވުޑްގެ ބައެއް ފަންނާނުންނާ ބައްދަލުވެސް ކޮށްފައި ވަނިކޮށެވެ.

އެހެން ނަމަވެސް "ޖުރަސިކް ޕާކް"، "ޝިންޑްލާޒް ލިސްޓް" އަދި މިދިޔަ އަހަރުގެ ކާމިޔާބް ފިލްމް "ލިންކަން" ފަދަ ކާމިޔާބް ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ސްޕީލްބާގްގެ އާ ފިލްމަށް އަނުޝްކާ ސޮއި ކުރި ކަމެއް އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި ސިފަ ކުރާ އަދި އިންޑިއާ އާއި ޕާކިސްތާން ވެސް އެތަނަކަށްޓަކައި ހަނގުރާމަކޮށް މިހާރު ވެސް ދެކޮޅުވެރިކަން އުފެދިފައިވާ ކަޝްމީރުގެ މައްސަލަތަކަށް ބިނާކޮށް ފިލްމެެއް ހެދުމަށް ސްޕީލްބާގް ވަނީ ނިންމާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސްޕީލްބާގްގެ އާ ފިލްމަށް އަނުޝްކާ ސޮއިކޮށްފައިވާ ނަމަ އޭނާ ފެނިގެން ދާނީ ހޮލީވުޑްގެ އެންމެ ނުފޫޒް ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ޑެންޒަލް ވޮޝިންޓަން، ރިޗަޑް ގިއާ އަދި ބްރެޑްލީ ކޫޕާ ފަދަ ތަރިންނާ އެކުގަ އެވެ.

ބޮލީވުޑްގެ ބަތަލާ އިން ހޮލީވުޑް ފިލްމްތަކުގައި މަސައްކަތް ކުރުމަކީ އާ ކަމެއް ނޫނެވެެ. އެގޮތުން "ޕިންކް ޕެންތާ 2" އާއި "ޕްރޮވޯކްޑް" ފަދަ ފިލްްތަކުގައި އައިޝްވާރިއާ ރާއީ ހަރަކާތްތެރިވެފައިވާ އިރު "ހިސް" އާއި "ވިތު ލަވް ބަރަކް" ފަދަ ފިލްމްތަކުގައި މަލިކާ ޝެރާވަތު ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ބިޕާޝާ ބާސޫ ވަނީ ރިލީޒްވާން ތައްޔާރުވެފައި އޮތް "ސިންގިއުލަރިޓީ" ގައި ޖޯޝް ހާޓްނެޓް އާ އެކު ލީޑް ރޯލް ކުޅެފަ އެވެ.

"ރަބްނެ ބަނާދީ ޖޯޅީ" އިން ޝާހްރުކް ހާނާ އެކު ބޮލީވުޑަށް ތައާރަފްވި އަނުޝްކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އާމިރް ހާނާ އެކު ކުޅޭ "ޕީކޭ" އާއި އަނޫރާގް ކެޝަޕްގެ "ބޮމްބޭ ވެލްވެޓް" ހިމެނެ އެވެ.