ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވަޑައިގަތުމަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ކެމްޕެއިންގެ އެއް ވައުދަކީ ރާއްޖޭގެ ހުރިހާ ރަށަކަށް "24 ގަޑިއިރު ކަރަންޓު ޔަޤީން" ކޮށްދެއްވުމެވެ.
"24 ގަޑިއިރު ކަރަންޓު ޔަޤީން" ވައުދު، 2013 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ވަރަށް ރަގަޅަށް ބަޔާންކޮށްދީފައިވެއެވެ. ކުރާނެ ކަންތަކާއި ހޯދާނެ އެއްޗިހި އަދި މީހުން ތަމްރީނު ކުރާނެ ގޮތް ވެސް މެއެވެ.
އެންމެ ފުރަތަމަ ފާހަގަކޮށްފައިވާ ކަމަކީ، ކޮންމެ ރަށަކަށް ވެސް އެރަށަށް ބެނުންވާ ކެޕޭސިޓީގެ ޖެނެރޭޓަރުސެޓް ބަހައްޓައި ޕެނަލްބޯޑް ހަރުކޮށް ކޭބަލް އަޅައި ޕަވަސިސްޓަމް ރަގަޅު ކުރުމުގެ މަޝްރޫޢެއް ފަށާނެ ވާހަކައެވެ.
އެއަށް ފަހު ދެން އޮތީ އިންޖީނުގެ ތަކުގައި ބޭނުންކުރާ ޖަނެރޭޓަރުތައް އޯވަހޯލްކުރުމާޢި މަރާމާތު ކުރުމާއި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރާނެ ވާހަކައެވެ. ހައްތަހާ ވެސް "24 ގަޑިއިރު ކަރަންޓު ޔަގީން" ކުރުމަށް ރައީސް ޔާމީން ކުރައްވާނެ ކަމަށް ވިދާޅުވި ކަންތަކެވެ.
ކަރަންޓުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ އައްޑޫގެ ނަން ހިމަނައިގެން ވެސް 2013 ވަނަ އަހަރުގެ މެނިފެސްޓޯގައި މިހާރުގެ ރައީސް ޔާމީން ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. އެއީ އައްޑޫ އަތޮޅުގެ މައި ކޭބަލް ބަދަލުކޮށް ޕަވަސިސްޓަމް ރަނގަޅު ކުރާނެ ކަމުގެ ވަޢުދެވެ.
މިހުރިހާ ވަޢުދުތައް ވެވަޑައިގެންނެވި ރައީސް ޔާމީން ރާއްޖޭގެ ވެރިކަން ކުރައްވާތާ 3 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މަހެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ވެރިކަމަށް 4 އަހަރު ފުރި، ފުރަތަމަ ރިޔާސީ ދައުރު ނިމުމަކާއި ދިމާލަށް ދަނީއެވެ.
އެހެން ނަމަވެސް 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ރައްޔިތުންނަށް ހުށަހެޅުއްވި މެނިފެސްޓޯގައި ހިމެނި ކަރަންޓާއި ގުޅޭ ވައުދުތަކެއް ނުފުއްދެއެވެ. މިއީ ބަހުސެއް ނުވަތަ ޖަދަލެއް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ލޯމަތިން ފެންނަން އޮތް ހަގީގަތެކެވެ. 24 ގަޑިއިރު އައްޑޫން ފެންނަމުންދާ ހަގީގަތަކީ މިއީ އެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް މަދުވެގެން 2 ގަޑިއިރު ވަރު ކަރަންޓުގެ ޚިދުމަތް ނުލިބި ތިބެން އެބަޖެހެއެވެ. ފެނަަކަ ކޯޕަރޭޝަނުގެ އެމްޑީ ޝަރީފް، އައްޑޫ އިން ކަރަންޓު ކެނޑޭ ވާހަކަ ދޮގުކުރެއްވި ނަމަވެސް، ކޮންމެ ރެޔަކު ވެސް އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެއެވެ.
ކޮންމެ ރެއަކު ވެސް ކަނު އަނދިރީގައި އެތައް އިރެއް ހޭދަ ކުރަން ޖެހޭތީ އައްޑޫގެ ރައްޔިތުން ތިބީ މާޔޫސްވެފައެވެ. އެމީހުން އިންތިޒާރު ކުރަމުން ދަނީ 24 ގަޑިއިރު ކަރަންޓު ޔަގީންވާނެ ދުވަހަކަށެވެ.