އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ އެ ކޯޕަރޭޝަނުގެ ހެޑް ޗީފް ޓެކްނިކަލް އޮފިސާރ ހުސެއިން ހަމީޒް ވިދާޅުވި ގޮތުގައި އައްޑޫއަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށެވެ.
އެގޮތުން ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް މި މަހުގެ 15 ވަނަ ދުވަހު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމީޒު ވިދާޅުވި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ޖެހިގެން އުޅެނީ ހިތަދޫ މަރުކަޒީ އިންޖީނުގޭގައި ބަހައްޓާފައި ހުރި 11 ޖެނެރޭޓަރުގެ ތެރެއިން 4 ޖެނެރޭޓަރަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ހަމީޒު ވިދާޅުވީ އައްޑޫ އިންޖީނުގެއިން މައްސަލަ ޖެހިފައިވަނީ، 750 ކިލޯވޯޓުގެ ޖަނަރޭޓަރަކަށާއި އެއް މެގަވޮޓުގެ ދެ ޖަނަރޭޓަރަކަށާއި، 800 ކިލޯވޮޓުގެ ޖަނެރޭޓަރަކަށް ކަމަށެވެ.
އޭގެތެރެއިން މައްސަލަ ޖެހުނު އެއް މެގަވޮޓްގެ ޖަނެރޭޓަރެއް މަރާމާތު ކުރުމަށް ފަހު ބޭނުން ކުރަމުން އަންނަ ކަމަށް ހަމީޒު ވިދާޅުވިއެވެ.
ހަމީޒު ވިދާޅުވި ގޮތުގައި އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން އައްޑޫ އަށް ގެންގޮސްފައިވާ 2.4 މެގަވޮޓުަގެ ދެ ޖެނެރޭޓަރު އިންސްޓޯލް ކުރުމަށްޓަކައި ގާއިމް ކުރަން ޖެހޭ ސީވޯޓާ ކޫލިން ސިސްޓަމްގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
އެމަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ފެނަކައިން މިއަދު ބުނެފައިވާއިރު މީގެ ކުރިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ޝަރީފް ވަނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 2.4 މެގަވޯޓުގެ 2 އިންޖީނު އިންސްޓޯލް ކޮށް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.