މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ހިންގާ ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން ލޯންޗް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަން ފަޅާއަރައިފި އެވެ.
ފޭކް ރަސީދުތަކެއް ބޭނުންކޮށްގެން ފައިސާ ބަލައިގަތުމަށް ފަހު އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން ހާމަވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ނެރުނު އެސްޓީއެލްގެ ޚާއްސަ އޮޑިޓް ރިޕޯޓުންނެވެ.
"އަމިއްލަ ފަރާތްތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ސަބަބާ ބެހޭ ގޮތުން އޮޑިޓް އޮފީހުން ސުވާލު ކުރުމުން އެސްޓީއެލްގެ އެސިސްޓެންޓް ސުޕަވައިޒަރު މައުލޫމާތު ދީފައި ވަނީ އެގޮތަށް ފައިސާ ޖަމާކޮށްފައި ވަނީ އޭރު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖަރުގެ ލަފާގެ މަތިން ކަމަށެވެ."
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެސްޓީއެލްގެ ފެރީ ދޯންޏާއި ލޯންޗްތައް ކުއްޔަށް ހިފުމާއި ގުޅޭ ގިނަ ލިޔުންތައް އެތަނުގެ ރެކޯޑްތަކުން ފެންނާކަށް ނެތެވެ.

ލިޔެކިޔުންތައް ފެންނަން ނެތުމުން އޮޑިޓް އޮފީހުން ވަނީ އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަކާއި ގުޅޭ ލިޔުންތައް ހޯދައިފަ އެވެ. އަދި އެ ލިޔުންތައް ހޯދިއިރު ހާމަވި ގޮތުގައި އެސްޓީއެލް އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 67،000ރ. ގެ އަސްލު ނޫން ރަސީދު ބޭނުންކޮށްގެން އަދި ރަސީދެއް ނެތީސް ބަލައިގަނެ އަމިއްލަ މީހެއްގެ އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ.
މި 67،000ރ. ގެ ތެރޭގައި ހިމެނެނީ، އަމިއްލަ ފަރާތަކަށް ލޯންޗް ކުއްޔަށް ދީގެން ލިބުނު 45،000ރ. އާއި ޖަމިއްޔާތަކަށް ލޯންޗް ކުރައްޔަށް ދީގެން ލިިބުުނު 22،000ރ. އެވެ.