ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާ އަދި އެކުއެޑޯ ބައްދަލުކުރި މެޗު 1-3 އިން އާޖެންޓީނާ ކާމިޔާބުކޮށް ވޯލްޑް ކަޕް 2018 އަށް ކޮލިފައިވެއްޖެއެވެ.
މެޗުގައި އާޖެންޓީނާގެ ތިން ލަނޑުވެސް ޖަހާފައިވަނީ ކެޕްޓަން ލިއޯ މެސީއެވެ. އެކުއެޑޯގެ ހަމައެކަނި ލަނޑު މެޗުގެ 1 ވަނަ މިނެޓުގައި ޖަހާފައިވަނީ އިބާރާއެވެ.
މެސީ ނަތީޖާ އެއްވަރު ކޮށްފައިވަނީ 12 ވަނަ މިނެޓުގައެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ގޯލަކާއެކު ލީޑު ނަގާދީފައެވެ. ފަހު ގޯލު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ.
އާޖެންޓީނާގެ އިތުރުން ކޮލޮމްބިއާ އަދި އުރުުގުއޭވެސް ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. ނަމަވެސް ބްރެޒިލް އަތުން 0-3 އިން ބަލިވެ އެންމެ ފަހުގެ ކޮޕަ އެމެރިކާގެ ޗެމްޕިއަން ޗިލީ ވަނީ ވޯލްޑް ކަޕުގެ ޖާގައެއް ނުލިބި ކަޓާފައެވެ.
އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލްވެސް ވަނީ ރޭ ސްވިޒަލޭންޑް 0-2 އިން ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. ކޮލިފައިނުވާ ގައުމުގެ ތެރޭގައި ނެދަލޭންޑްސް، އެމެރިކާ، ވޭލްސް، ޗައިނާ އަދި ޕެރެގުއޭވެސް ހިމެނެއެވެ.