Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ފްލައިން ސްކޫލްގެ އެގްރިމެންޓް އާކޮށްދެވޭކަށް ނެތް: އިބްތިޝާމާ

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްއިން ސ. ގަމުގައި ހިންގާ ފްލައިން ސްކޫލްގެ އެގްރިމެންޓް އާކޮށްދެވެން ނެތް ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ ސައީދު ވިދާޅުވެއްޖެއެވެ.

އިބްތިސާމާ ސައީދު ވިދާޅުވީ ފްލައިން ސްކޫލްގެ އެގްރިމެންޓްގެ މުއްދަތު އިތުރުކުރެވެން ނެތީ އެއާޕޯޓް ތަރައްޤީގެ މުހިއްމު ކަންތައްތަކެއް ޕްލޭން ކުރެވިފައިވުމުންނެވެ. އަދި ފްލައިން ސްކޫލުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭކަމަށް އިބްތިސާމާ ވިދާޅުވިއެވެ.


އިބްތިސާމާ ވިދާޅުވީ އެގްރިމެންޓް އާކޮށްނުދީގެން ފްލައިން ސްކޫލްގެ ވެރިން ތިބީ ހިތް ހަމަ ނުޖެހިކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި މިހާރު ހިންގާ އެންމެ ބޮޑު ފްލައިން ސްކޫލަކީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްއެވެ. މި ސްކޫލްގައި 200 އެއްހާ ކުދިން މިހާރުވެސް ކިޔަވަމުން އަންނަ އިރު އޭގެ ތެރޭގައި ގިނައީ ދިވެހި ކުދިންނެވެ.

ޕައިލެޓް ކޯސް ހެދުމަށް އެމެރިކާއަށް ދާ ދިވެހި ކުދިންނަށް ވިސާ ހޯދުމުގައި ދަތިތައް ކުރިމަތިލާން ޖެހިފައިވަނިކޮށް އައްޑޫގައި ހިންގާ ފްލައިން ސްކޫލުން ވަނީ ދިވެހި ކުދިންނަށް ހާއްސަ އިސްކަމެއް ދީގެން ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯންގެ އެހީގައި ދިވެހި ގިނަ ކުދިން ދަނީ ޕައިލެޓްކަން ކިޔަވަމުންނެވެ.

ފްލައިން ސްކޫލްގެ އެގްރިމެންޓް 2019 ވަނަ އަހަރަށް މުއްދަތު ހަމަވާތީ އެގްރިމެންޓް އާ ކުރުމަށް ފްލައިން ސްކޫލްގެ ވެރިން ތަފާތު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް މިހާތަނަށް އަލި މަގެއް ނުފެނެއެވެ. އަދި އެގްރިމެންޓް އާ ނުކޮށްދޭނެ ކަމަށް އައްޑޫ އެއާޕޯޓްސް ކޮމްޕެނީން ފާޅުގައި ބުނި މިއީ ފުރަތަމަ ފަހަރެވެ.

ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ކިޔަވާ ގިނަ ދަރިވަރުން ތިބެނީ ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގައެވެ. އެކުދިންގެ ކެއުމާއި އެކަމޮޑޭޝަންގެ ގޮތުގައި މަހަކު ދެ މިލިއަނެއްހާ ރުފިޔާ އައްޑޫއަށް ލިބެއެވެ. ނަމަވެސް ފްލައިން ސްކޫލް ގޮސްފިނަމަ މި އާމްދަނީ ގެއްލޭނެއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ފްލައިން ސްކޫލް ގަމުން ބޭރުކޮށްލުމަށް އެކި ފަހަރުމަތިން ވަނީ މަސައްކަތް ކޮށްފައެވެ. މިކަމުގައި ނުފޫޒު ގަދަ ފަރާތްތަކުގެ އަތްތައް ވާކަމަށް ވާހަކަ ދެކެވެއެވެ.