މުޖުތަމައަށް ނުރައްކާތެރިކަމަށް ބެލެވޭ 9 މީހެއްގެ ފައިގާ ޓެގު އެޅުވުމަށް މޮނިކޮން އަމުރު ނެރެދިނުމަށް ހޯމް މިނިސްޓްރީން ހައިކޯޓަށް ހުށައަޅައިފިއެވެ.
މާރާމާރީތައް އިތުރުވެ މުޖުތަމައު އަމާން ކުރުމަށް އަނެއްކާވެސް މޮނިކޮން އަމުރު ނެރެ ޓެގު އެޅުވުމުގެ މަސައްކަތް ކުރުމަށް ހޯމް މިނިސްޓްރީން ފަށައި، ކޮމިޓީއަށް 16 މީހެއް ނަން ވަނީ ފޮނުވާފައެވެ.
ނަމަވެސް ކޮމިޓީން ބެލުމަށްފަހު އަމުރު ނެރުމަށް ފާސްކޮށްފައިވަނީ 9 މީހަކާ ދެކޮޅަށެވެ. ހޯމް މިނިސްޓަރު އަޒްލީން ޓެގު އެޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިނަމަވެސް ފެނިގެން ދިޔައީ އަނެއްކާވެސް މަސައްކަތުގެ ސްޕީޑު ދަށްވެގެން ދިޔަ ތަނެވެ.
ފުލުހުން އިއްޔެ 9 މީހަކާ ދެކޮޅަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދިފައިވާއިރު އެމީހުންގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެއީ ކުށުގެ ރެކޯޑު ތިބި މީހުން ކަމަށާއި އެމީހުންނަކީ މުޖުތަމައަށް ނުރައްކާތެރި ބައެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.