Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މަޖިލީހުގެ ބޭރު ފާރު ވެސް އުސް ކުރާނަން: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވާ މޭޒު އުސްކޮށް ވަށާ ފާރެއް ބިނާކުރުމަށްފަހު މަޖިލިސް އިދާރާގެ ބޭރު ފާރުވެސް އުސްކުރުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.

ރޭ ޗެނެލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވެފައިވަނީ މަޖިލީހުގެ އާބާތުރަ ފިލުވުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ރާއްޖެއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދީފައި ކަމަށެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކުވެސް ވަނީ ރިޔާސަތުގެ މޭޒު ހުންނަ ސްޓޭޖު އުސްކޮށް، ފާރު ބިނާކޮށްފައިވަނީ މަޖިލީހުގެ އާބާތުރަ ފިލުވުމުގެ ޕްރޮގްރާމެއްގެ ދަށުން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުން ރިޔާސަތު ކައިރިއަށް އެއްވާތީ މަޖިލީހުގެ ރައީސް ފޮރުވުމަށް ކުރި ކަމެއް ނޫން ކަމަށްވެސް ނިހާން ވިދާޅުވެފައިވެއެވެ.

އަދި އާ ޑިޒައިނުގެ މޭސްތިރިއަކީ ނައިބު ރައީސް ރީކޯ މޫސާ މަނިކުކަމަށް ވިދާޅުވެ ނިހާން ވަނީ ކުރީގެ ހަތުރަށް ތައުރީފްގެ ބަސްތައް ރައްދުކޮށްފައެވެ.

ރައްޔިތުންގެ މެދުގައި މަޖިލިސް ތަޅުމަށް ގެނެވުނު ބަދަލާއިމެދު ހިޔާލު ތަފާތުވެފައިވާއިރު ގިނަ ބަޔަކު ތިބީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ. އެއީ "ބޮޑުވަރު" ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. އަދި އެއީ ކުރުން ލަސްވެފައިވާ ކަމެއް ކަމަށް ދެކޭ މީހުންވެސް ސޯޝަލް މީޑިޔާއަށް ކަޅިއެއް އަޅާލުމުން ފެންނަމުންދެއެވެ.