މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިލިފުށީ ދާއިރާގެ މަޖިލިސް މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވި ގޮތުގައި އެއްވެސް ކުށެއް ނެތް މީހުންގެ ހައްގުތައް ނިގުޅައިގަތުމަށް އެމްޑީޕީން މަސައްކަތް ކުރާ ތަން ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނަނަ ކަމަށެވެ.
"ބަލައިލި ކޮންމެ ދިމާލަކުން މި ފެންނަނީ އެއްވެސް ކުށެއް ނެތް މީހުންގެ ޙައްޤުތައް ނިގުޅައިގަތުމަށް ޓަކައި ބޮޑު ސިޔާސީ ޕާޓީއަކުން މަސައްކަތްކުރާ ތަން. އެމް.ޑީ.ޕީއޭ މި ކިޔާ ޖަމާޢަތް"
ރިޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެދުނީއްސުރެ ކުރަމުން އަންނަ މަސައްކަތަކީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ މަސައްކަތް ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއި މެދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރިޔާޒު އިތުރަށް ވިދާޅުވީ، ޑިމޮކްރަސީގެ ނަމުގައި ރާއްޖޭގައި ކުރާ ކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ.
އަދި އެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޒިންމާއެއް ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.