އައްޑޫގެ ކަރަންޓްގެ މައްސަލައިގެ ސުވާލު ކުރުމަށް ބޭއްވި ސަރުކާރު ޒިއްމާދާރު ކުރާ ކޮމެޓީގެ ބައްދަލުވުން ސުވާލު ކުރަން ފެށުމުން ހޫނު ވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ ވެރިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ފެއްޓުމުން ކޮމެޓީގެ ރިޔާސަތުން ވަނީ ވަކި ހިސާބަކުން އެގޮތަށް ކޮމެޓީ ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެފައެވެ.
ކޮމެޓީގެ ބައްދަލުވުން ހޫނުވީ ފެނަކައިގެ އެމްޑީ ޝަރީފް އައްޑޫ ފެނަކައިގެ ތިބި މުވައްޒަފުންގެ ޖުމްލަ އަދަދަކީ 126 ކަމަށް ވިދާޅުވުމާއި ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން ތަކުރާރުކޮށް އެއީ ހިތަދޫގެ މުވައްޒަފުން އެކަނި ނޫންތޯ ސުވާލު ކުރަމުންނެވެ.
ރިޔާޒު ރަޝީދު ވިދާޅުވީ ޒާތީ ގޮތުން ސުވާލު ނުކުރެއްވޭނެކަމަށާއި އެގޮތަށް ފުރުސަތު ނުދެއްވާނެކަމަށެވެ. އެއާއި އެކު ކޮމެޓީގެ މެމްބަރުންގެ މެދުގައިވަނީ ހޫނު ޒުވާބުތަކެއް ކޮށްފައެވެ. ކުޑައިރުކޮޅަކަށް ދެބަސްވުމަށް ދިއުމަށްފަހު އަލުން މެމްބަރުން ވަނީ ކޮމެޓީ ކުރިއަށް ގެން ގޮސްފައެވެ.
ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފަހުން ޝަރީފް ވިދާޅުވީ އައްޑޫގައި ޖުމްލަ 213 މެމްބަރުން ތިބި ކަމަށާއި ފުރަތަމަ އެގޮތަށް ޖަވާބު ދެވުނީ އޮޅުވާލުމުގެ ބޭނުމުގައި ނޫންކަމަށެވެ.
ކޮމެޓީގައި އިދިކޮޅު މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް ފެނަކައިގެ އިސްވެރިންނާއި ކޮށްފައެވެ. އެގޮތުން ކަރަންޓް ދިނުމަށް ގެނައި އިންޖީނު ނުބެހެއްޓި ދިގުލައިގެން ދިއުމާއި އެކަމުގައި ކަންކަން ކުރިއަށްދާ ގޮތް ވަނީ ސާފުކޮށްފައެވެ.