ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ވިލާ އިން އައްޑޫގައި ތިން ޕްރޮޖެކްޓެއް ހިންގަން ނިންމައި އެކަމަށް ބޭނުންވާ ބިން ހޯދުމަށް އައްޑޫ ސިޓީ ކައުންސިލަށް ހުށަހެޅުމާ ގުޅިގެން ބިން ދޫކުރާ ގޮތަށް ކައުންސިލުން ނިންމައިފި އެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) މިއަދު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވިލާ އަށް ބިން ދޫކުރަން ނިންމީ ކައުންސިލްގައި އަންގާރަ ދުވަހު މަޝްވަރާ ކުރުމަށް ފަހު، ކައުންސިލްގެ އަޢުލަބިއްޔަތުން ކަމަށެވެ.
އައްޑޫގައި އައިސް ޕްލާންޓަކާއި ފެން ޕްލާންޓަކާއި ގޭސް ޕްލާންޓެއް ގާއިމު ކުރަން ނިންމައި، އެކަމަށް ބޭނުންވާ ބިން ހޯދުމަށް ވިލާ ޝިޕިން އިން ކައުންސިލަށް ސިޓީ ފޮނުވީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ކައުންސިލުން ބުނީ ބިން ދޫކުރަން ނިންމި ނަމަވެސް، ބިން ދޫކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށެވެ.
"އެ ފަރާތުން އެދިފައި އޮތީ ތިން ޕްރޮޖެކްޓަށް އެއް ސަރަހައްދަކުން ބިން ބޭނުންވެގެން. އެހެންވެ އެކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނީ،" ޓޮމް ވިދާޅުވި އެވެ. "މީގައި އެބަ ބަލަން ޖެހޭ އެ ކަހަަ ޕްރޮޖެކްޓްތަކެއް ހިންގާ އިރު އެއް ތަނެއްގައިތޯ ހުރިހާ ކަމެއް ކުރުން ރަނގަޅީ. އެގޮތަށް ބަލައި މަޝްވަރާ ކުރުމަށް ފަހު ބިމުގެ ކަންތައްތައް ހަމަޖައްސާނީ."
ކައުންސިލުން ބުނީ މިކަމާ ގުޅޭ ގޮތުން ވިލާގެ އިސް ފަރާތްތަކާ އެކު ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރާނެ ކަމަށެވެ.
ގާސިމް ވަނީ އައްޑޫގައި އެން ދިރުވައި އާލާ ކުރެވޭނެ ނިޒާމެއް ވެސް ގާއިމު ކުރުމަށް ނިންމާފަ އެވެ.
"އަޅުގަނޑު ނިންމައިފިން މާތްﷲގެ ވާގިފުޅާ އެކީގައި ރާއްޖޭގެ އެންމެ މަސްވެރިކަން ރަނގަޅު ހިސާބަކީ ދެކުނު ކަމަށް ވާތީ، ދެކުނުގައި، އާދެ. އައްޑު އަތޮޅުގައި އެން ގެންގުޅެވޭނެ ފުރުސަތު، އައްޑޫ ކައުންސިލުން ފުރުސަތު ދެއްވައިފި ނަމަ އަޅުގަނޑުމެންގެ އަމިއްލަ ޑްރެޖަރު ގެންގޮސްގެން ހިއްކައިގެން ނަމަވެސް، ގާތްގަނޑަކަށް ފަނަވަރަކަށް ހެކްޓަރުގެ ބިން ހޯދައިގެން އެ ތަނުގައި މި ދެންނެވި މަސައްކަތް ފަށައި ގަންނަން" ގާސިމް ވިދާޅުވި އެވެ.