Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މައްސަލަ ޖެހެނީ އިންޖީނުގެ އަޅާފައި ހުރި ގޮތުން: ޝަރީފް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނުތަކަށް މައްސަލަ ދިމާވަނީ އިންޖީނުގެ އަޅާފައި ހުރި ގޮތުން ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އައްޑޫ އިންޖީނުގޭގައި ބޭނުންކުރާ ޖަނެރޭޓަރުތަކުގެ ޕަރފޯމަންސް ދަށްވާ މައްސަލަ އާއި ބެހޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފެނަކައިގެ އެމްޑީ ޝަރީފް ވިދާޅުވި ގޮތުގައި، އައްޑޫ އިންޖީނުގޭގެ އިމާރާތް ހުރީ އިންޖީނުތަކުން އުފެދޭ ހޫނު ބޭރު ކުރެވޭ ފަދަ ގޮތަކަށް ނޫން ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި 1 މެގަވޯޓުގެ ޖަނެރޭޓަރެއް 8 ނުވަތަ 12 ގަޑިއިރު ހިންގާފައި ހުރުމުން ވަރަށް ބޮޑަށް ހޫނު އުފެދޭ ކަމަށެވެ. އަދި 1 މެގަ ވޯޓުގެ 2 އިންޖީނެއް ކައިރި ކައިރީގައި އިންސްޓޯލް ކުރެވިފައި ހުރުމަކީ ވެސް އިތުރަށް ހޫނު ގަދަވެ އިންޖީނުތަކުގެ ޕަރފޯމަންސް ދަށްވުމަށް ދިމާވާ ސަބަބެއް ކަމުގައި ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

"1 މެގަވޯޓުގެ އިންޖީނެއް 12 ނުވަތަ 8 ގަޑިއިރު ހިންގާފައި ހުރީމާ ހޫނު ކްރިއޭޓްވޭ. މީގެ 2 އިންޖީނުގެ ޕަރފޯމަސް ވަރަށް ބޮޑަށް ދަށްވެފައި މިހުރީ 2 އިންޖީނު އިންސްޓޯލް ކުރެވިފައި ހރީ ވަރަށް ކައިރި ކައިރީގައި ކަމަށް ވާތީ. އޭގެ ޓެމްޕަރޭޗަރ އިން ވަރަށް ބޮޑު އިފެކްޓެއް އާދޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އައްޑޫ މަރުކަޒީ އިންޖީނުގޭގައި މިހާރު ލޮކޭޓް ކުރެވިފައި ހުރީ މައި ޕަވަރސްޓޭޝަން ފިޔަވައި އެހެން ތަންތަނުގައި ޓިނުން ހަދާފައި ހުރި ހަޓެއްގެ ސިފައިގައި ހުރި ތަންތަން ކަމަށް ވެފައި އެތަންތަނުގެ ހޫނު ގަދަވާތީ ވެސް ޖަނެރޭޓަރުތަކުގެ ޕަރފޯމަންސަށް ބަދަލުތައް އަންނަ ކަމަށެވެ.