Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޖަލު މަރާމާތަކަށް ފާރިސް ގޭބަންދަށް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް، ފޮޓޯ: ރާއްޖެއެމްވީ

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ކުއްލި ގޮތަކަށް ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވެސް ވަނީ ފާރިސް ގޭ ބަންދަށް ބަދަލުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ކަރަކްޝެންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ފާރިސް ގޭބަންދަށް ބަދަލުކުރެވުނީ މާފުށި ޖަލުގައި ފާރިސް ބަހައްޓާފައި ހުރި ޔުނިޓުގެ މަރާމަތުގެ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މަރާމާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފާރިސް އަނބުރާ ޖަލަށް ބަދަލުކުރާނެ ކަމަށް ލުގުމާން ވިދާޅުވިއެވެ.

ރިޝްވަތު ދިންކަމަށް ބުނާ މައްސަލައިގައި ފާރިސް ހައްޔަރުކޮށްފައި ވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެދުވަހުން ފެށިގެން ފާރިސް ބަންދުކޮށްފައި ހުންނަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގައެވެ.