Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫގައި 30 މިލިއަން ޑޮލަރުގެ އިންޖީނުގެއެއް

އާރްއޭފް ގައި ހުންނަ މައި އިންޖީނުގެ-

އައްޑޫ ސިޓީގައި 30 މިލިއަން ޑޮލަރު ހޭދަކޮށްގެން އާ އިންޖީނުގެއެއް އެޅުމުގެ ޕްލޭން ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 30 މިލިއަން ޑޮލަރު އިންވެސްޓް ކުރާއިރު އެންމެ ބޮޑަށް އިސްކަން ދޭނީ އައްޑޫގެ ގުޅިފައިވާ ހަތަރު ރަށަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އައްޑޫގައި އާ އިންޖީނުގެއެއް އަޅައި، އައްޑުގެ ޕަވާ ކެޕޭސިޓީ 12.5 މެގަވޯޓަށް ބަދަލު ކުރަން ފެނަކައިން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލޭން ހަދަމުން މިދަނީ. ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާ މަޝްވަރާ ކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

އާ އިންޖީނުގެއެއް އެޅުމުގެ ޕްލޭނެއް ފެނަކައިން ހަދަމުން ގެންދާކަން ފާހަގަކުރައްްވައި ޝަރީފް އިތުރަށް ވިދާޅުވީ، ބޮޑު އިންޖީނުގެއެއް އިމާރާތްކޮށް ހިދުމަތް ދޭން ފެށީމަ ކުރިއަށް އޮތް 10 އަހަރަށް އައްޑޫގެ ގުޅިފައިވާ ހަތަރު ރަށަށް ފުރިހަމަ ހިދުމަތެއް ދެވޭނެ ކަމަށެވެ.