Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ލޯންޗް އެކްސިޑެންޓްގައި ސީރިއަސް އަނިޔާވި އަލީ ވަސީމް ނިޔާވެއްޖެ

ލޯންޗް އެކްސިޑެންޓްގައި ބޮލަށް ސީރިއަސް އަނިޔާލިބި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އަލީ ވަސީމް

މިއަހަރު މޭއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް ރީތިރަށް ކައިރީ އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސ. މީދޫ ހަނދުވަރު މަތީގެ، އަލީ ވަސީމް ރާއްޖޭން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އަލީ ނިޔާވީ އިންޑިއާގެ ކޮޗިންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ. އަލީގެ ބޮލަށް ލިބުނު ގެއްލުމާއި ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެގޮތުން އޭޑީކޭއިން ވަނީ ބޮލުގެ ސީރިއަސް އޮޕަރޭޝަނެއް ކޮށް 72 ގަޑިއިރު ވަންދެން އައިސީޔޫގައި ފަރުވާ ދީފައެވެ. އޭގެ ފަހުން އާއިލާއިން ބޭނުންވެގެން އަލީ ވަނީ ލަންކާއަށް ބޭސް ފަރުވާއަށް ގެންގޮސްފައެވެ.

އަލީގެ އާއިލާއިން ބުނީ އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްދޭނެކަމަށް އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ސަމާ އައިލެންޑް ރިސޯޓުން ބުނެފައިވާ ކަމަށެވެ.

މި ނުރައްކާތެރި ލޯންޗް އެކްސިޑެންޓްގައި ޖުމްލަ 14 މީހަކަށް އަނިޔާވިއެވެ. އެންމެ ސީރިއަސް އަނިޔާތަކެއް ލިބުނީ އަލީ ވަސީމްއަށެވެ.