Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވަގުތީ ދެ ޖަނެރޭޓަރު އިންސްޓޯލް ކުރަން ފަށައިފި

އައްޑޫގެ މައި އިންޖީނު ގޭގައި ބޭނުންކުރާ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހި ކަރަންޓު ކެނޑެމުންދާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި ރޭ އައްޑޫއަށް ގެނައި 2 ޖަނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ ގެނައި 2 ޖަނެރޭޓަރުގެ ތެރެއިިން 1.2 މެގަވޯޓުގެ ޖަނެރޭޓަރު މިހާރު އިންޖީނުގޭގައި އިންސްޓޯލްކުރުމުގެ މަސައްކަތުގެ 60 އިން ސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ފެނަކައިގެ މުވައްޒަފުން ވަގުތީ ޖަނަރޭޓަރ ސެޓް ބެހެއްޓުމަށް މަސައްކަތް ކުރަމުން ދަނީ، ފޮޓޯ: އައްޑޫލައިވް

"ޖަނެރޭޓަރުތައް ގެނައުމާއި އެކު އެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން. އިންޖީނުގޭގެ މުވައްޒަފުން ހޭލައި ތިބެގެން އެ މަސައްކަތް ކުރަމުން މިދަނީ. މިހާރު 1.2 މެގަވޯޓުގެ އިންޖީނު އިންސްޓޯލްކުރުމުގެ %60 ވަރު ވަނީ ނިމިފައި."

މައުލޫމާތު ލިބޭ ގޮތުގައި ވަގުތީ ގޮތުން ގެނައި ދެ ޖަނަރޭޓަރ ސެޓް އިންސްޓޯލް ކޮށް ކަރަންޓް ދިނުމަށް އަދި ދެ ތިން ދުވަސް ނަގާނެއެވެ.

ފެނަކައިގެ މުވައްޒަފުން ވަގުތީ ޖަނަރޭޓަރ ސެޓް ބެހެއްޓުމަށް މަސައްކަތް ކުރަމުން ދަނީ، ފޮޓޯ: އައްޑޫލައިވް

އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ގދ ތިނަދޫން ގެނައި ދެ ޖަނަރޭޓަރ ސެޓް ހިތަދޫ ބަނދަރަށް ބޭލީ ރޭ އިރާކޮޅުއެވެ. އެމަންޒަރު ބެލުމަށާއި "އަތް ޖެހުމަށް" ސަރުކާރުގެ އިސްވެރިން ބަނދަރަށް ދިޔައެވެ.