ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ބޭއްވި ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލެއްވޭނެކަން އީޔޫގެ ޤަރާރުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވެފައި ވަނީ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބާއި ކައިރިވަމުން އަންނަ ވަރަކަށް ޔޫރަޕްގެ ޤައުމުތަކުންނާއި އިންޑިއާ އަދި އަވަށްޓެރި ޤައުމުތަކުން ރާއްޖެއަށް ޕްރެޝަރ ކުރާނެ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ ފަރާތުން އެކި ގައުމުތައް ވަފުދުތައް ފޮނުވަން ފަށާފައިވަނީ، ރައީސް ޔާމީންގެ ސަރުކާރަށް ބޭރުގެ ގައުމުތަކުގެ ޕްރެޝަރު އަންނާނެކަން އެނގިގެން ކަމަށެވެ.
"އީޔޫގެ ޤަރާރުން ވަރަށް ރަނގަޅަށް އިނގޭ ރައީސް ނަޝީދު ބޭނުންވާ އަދި އެ ޕާޓީއަކުން ބޭނުންވާ ކޮންމެ ސިޔާސީ ލީޑަރަކަށް ކުރިމަތިލެއްވޭނެ ކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ވަރަށް ސާފުކޮށް އިނގޭ،" އީވާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އިޤްތިސާދުގެ ހާލަތު ގޯސްވެފައިވާކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ނުކުރަނީ އިތުބާރު ނެތުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މި ޤައުމުގައި ކޮރަޕްޝަން ގިނަވެފައި ބަލިކަށި ސަރުކާރެއް އޮތުމުގެ ސަބަބުން އިންވެސްޓްކުރަން ވިސްނާ ފަރާތްތަކުން ވެސް އެކަންކަން ބަލާނެ ކަމަށެވެ.
އީވާ ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ އިންވެސްޓްމަންޓް އަންނަ މަންޒަރު ނުފެންނަނީ ރައީސް ޔާމީންގެ ސަރުކާރުން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ސައުދީ އަށް ވިއްކާލާފައިވާތީ ކަމަށެވެ.