ރޭ އިރާކޮޅު ލ. ގަމު ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ދެ ސައިކަލު ޖެހިގެން ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށާއި 25 އަހަރުގެ އަންހެނަކަށެވެ. ގަމު ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ދެމީހުންގެ ބޮލަށްވެސް ވަނީ އަނިޔާވެފައެވެ.
އަދި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާގެ ފަޔަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. މި ދެމީހުންވެސް މިހާރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އާސަންދަ ކުންފުނިން ވަނީ ފަށާފައެވެ.
ސީރިއަސް އަނިޔާތަކެއް ދެމީހުނަށްވެސް ލިބިފައިވާއިރު ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ގަން ލިންކް ރޯޑަކީވެސް ނުރައްކާތެރި އެކްސިޑެންޓު ގިނަ މަގެކެވެ. މިދިޔަ ޖުލައި މަހުވެސް މިލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ވަނީ މީހަކު މަރުވެފައެވެ.