Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

މޮޑެލް ޔޫއެން ކޮންފަރެންސަކީ ލިބޭ ތަފާތު ތަޖުރިބާއެއް: ސޯބެ

އަންނަ އަހަރުގެ މާޗް މަހު އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "އައްޑޫ މޮޑެލް ޔުނައިޓެޑް ނޭޝަންސް" ކޮންފަރެންސަކީ އައްޑޫ ޒުވާނުންނަށް ތަފާތު ތަޖްރިބާ ލިބިގެންދާނެ ވަރަށް ފައިދާ ހުރި ކޮންފަރެންސެއްކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އައްޑޫ މޮޑެލް ޔޫއެން ކޮންފަރެންސް އިންތިޒާމް ކުރާ އާކިންސް އެސޯސިއޭޝަންއާ އެކު އިއްޔެ ކައުންސިލް އިދާރާގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ސޯބެ ވިދާޅުވީ މިހާރު ދަރިވަރުންނަށް ލިބެނީ ހަމައެކަނި ކްލާސް ރޫމުން ލިބޭ ތައުލީމް ކަމަށާއި، ނަމަވެސް ވަށައިގެންވާ މަހައުލާއި ބޭރު ދުނިޔޭގެ ކަންކަން ދަރިވަރުން ދަސްކޮށް ތަޖްރިބާ ކުރަން ޖެހޭ ކަަމަށެވެ.

އެގޮތުން އދ. ފަދަ ބިޔަ ޖަމިއްޔާއެއްގެ ސިމިއުލެޝަނެއް ބާއްވާއިރު އޭގެ ތެރެއިން ދަރިވަރުންނަށް ގިނަ ކަންތައް ތަކެއް ދަސްވެގެންދާނެކަމަށެވެ.

"މިހާރު ކުދިންނަށް ނޭގޭ ގައުމުގައި ހިނގާ ކަންކަން، އަމުދުން ބޭރު ދުނިޔޭގެ މަސްރަހާއި މެދު ކުދިން އެހާ ސަމާލުކަމެއް ދޭތަން ނުފެނޭ، ކްލާސް ރޫމް ތައުލީމް މިދެވެނީ، އެހެންވެ މިފަދަ ހަރަކާތަކުން ދަރިވަރުންނަށް ގިނަ ކަންތައްކެއް ދަސްވެގެންދާނެ ކަމަށް ގަބޫލް ކުރަން"

އާކިން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މިއްޝަލް ބުނީ މި ހަރާކާތުގައި 400 އެއްހާ ކުދިން ރާއްޖެ އާއި ރާއްޖޭން ބޭރުން ބައިވެރިވާނެކަމަށެވެ. އަދި ކޮންފަރެންސްގެ ހަރަކާތްތައް އަންނަ ޖެނުއަރީ މަހުން ފެށިގެން އައްޑޫގައި ކުރިއަށް ދާނެކަމަށެވެ.

މިކޮންފަރެންސްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ސްޕޮންސަރުންނަަށް ގިނަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން ސްޕޮންސަރުންނަށް މި ހަރާކާތާއި ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕް ތަކާއި އެހެނިހެން އިވެންޓް ތަކުގައި އެ ފަރާތަކުން ދޭން ބޭނުންވާ މައުލޫމާތު ދެވޭނެ ސެޝަންތައް ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އިވެންޓް ތެރޭގައި ސްޓޯލް ހަދައިގެން ޕްރޮމޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިޝަލް ބުނީ މިއީ ވިޔަފާރިވެރިންނަށް ރަނުގެ ފުރުސަތެއް ކަމަށެވެ.