އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު ކުޑަހުވަދޫއާއި މިލަންދޫ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޑަހުވަދޫ ޓީމު ދަނޑުން ފޭބުމުން އެފްއޭއެމުން ޓީމު 25،000ރ. އިން ޖޫރިމަނާކޮށްފިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޑަހުވަދޫ ޓީމުން ދަނޑުން ފޭބީ އިދިކޮޅު ޓީމު ލަނޑެއް ޖެހުމުން ބެންޗުން އަންގައިގެންނެވެ. ކުޑަހުވަދޫ ޓީމުން ބުނެފައިވަނީ ރެފްރީގެ ނިންމުން ގޯސް ކަމަށާއި އެފަދަ ރެފްރީއަކު މެޗު ބަލަހައްޓާނަމަ އިތުރަށް ނުކުޅޭނެ ކަމަށެވެ.
މިލަންދޫ ޓީމުން ލަނޑު ޖަހާފައިވަނީ ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިޔަކަށް ފައުލް ކުރުމަށްފަހު، ރެފްރީ އެއީ ފައުލެއް ނޫން ކަމަށް ނިންމައި ކުޅުން ކުރިއަށް ގެންދިއުމަށް އިޝާރާތް ކުރުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކުޑަހުވަދޫ ޓީމު ދަނޑުން ފޭބިއިރު އެޓީމު އޮތީ 0-2 އިން ބަލިވެފައެވެ. ރެފްރީ ތަކުރާރުކޮށް ޓީމުގެ މެނޭޖަރަށް ކުޅުންތެރިން އަނބުރާ ދަނޑަށް އެރުމަށް އަންގާފައިވެއެވެ. ނަމަވެސް މެނޭޖަރު ވަނީ ރެފްރީ ބަދަލުނުކުރަނީ ދަނޑަށް ނާރާނެ ކަމަށް ބުނެފައެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލައި ތައްޔާރުކުރި ރިޕޯޓުގައި ކުޑަހުވަދޫ ޓީމު 25،000ރ. އިން ޖޫރިމަނާ ކުރުމަށްފަހު ހުރިހާ ޓީމުތަކަށް އެފަދަ އަމަލެއް ތަކުރާރުނުކުރުމަށް ވަނީ އިންޒާރު ދީފައެވެ.
މިސީޒަނުގައި ކުޑަހުވަދޫގެ ކުރިން މާޒިޔާ އަދި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުވެސް ހޫނުވެ، މެޗުން ކުޅުން ނުނިމެނީސް ގްރީން ޓީމު ވަނީ ދަނޑުން ފައިބާފައެވެ. އެމައްސަލަ ބެލުމަށްފަހުވެސް އެފްއޭއެމުން ވަނީ ގްރީން ސްޓްރީޓް 25،000ރ. އިން ޖޫރިމަނާކޮށްފައެވެ.