Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަނަސް މަރާލި މައްސަލާގައި އިތުރު ފަސް މީހަކާ ދެކޮޅަށް ދައުވާ

އަނިޔާވެރި ގޮތަކަށް މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒްގެ، މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުލަތުން އިތުރު ފަސް މީހުންނާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.

މިމީހުންގެ ކުރިން 17 އަހަރުގެ ކުއްޖަކާ ދެކޮޅަށް ޖުވެނައިލް ކޯޓުގައިވެސް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. މިއަދު ކްރިމިނަލް ކޯޓަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ފަސް މީހުންނަކީ މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން، ލ. ގަން ތުނޑީ، ނަންރީތިގޭ ޖުނައިހު އަބްދުﷲ، ސ. ފޭދޫ ވެސްޓްލައިޓް ހަސަން މަސްއޫދު އަދި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއެވެ.

ދައުލަތުން އުސްމާނާއި ޒަޔާންގެ މައްޗަށް ދައުވާ ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މިއަދު ދައުވާ އުފުލި އަނެއް ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ފުލުހުން ވަނީ ދާދި ފަހުން އަނަސް މަރާލި މައްސަލާގައި ހޯދަން އިއުލާންކުރި މީހަކު ފިލައިގެން އޮތްވާ އަތުލައިގެންފައެވެ. އިތުރު މީހަކުވެސް މިމައްސަލާގައި ފުލުހުން އަންނަނީ ހޯދަމުންނެވެ.

އަނަސް މަރާލީ ސައިކަލުގައި ދިޔަ ބަޔަކު ވަންވޭ ފަޅާލައި ތޫނު އެއްޗެހި ހިފައިގެން ލިޓަސް ސާވިސް ސެންޓަރުގެ ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެތައް ތަނަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަޅި ހަރާލުމަށްފަހުގައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ އެމީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށެވެ.