އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައި އޮންނަތާ ތިން ގަޑިއިރަށްވުރެ ގިނައިރު ފަހުން އެހިސާބުތަކަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލީ އޯވަލޯޑްވެގެންނެވެ. އެކަން ފެނަކަ އައްޑޫ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އެންމެ ފުރަތަމަ ކަރަންޓު ކަނޑާފައި ވަނީ ހިތަދޫ އުތުރު ދާއިރާ އިންނެވެ. އޭގެ ފަހުން ހިތަދޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާލާފައިވާއިރު މަރަދޫ އާއި ފޭދޫ އަދި މަރަދޫ ފޭދޫގެ ބައެއް ހިސާބުތަކުން ވެސް ކަރަންޓު ކަނޑާފައިވެއެވެ.
އައްޑޫގެ އިންޖީނުގޭގެ އިންޖީނުތަކަށް މައްސަލަ ދިމާވެގެން ކަރަންޓް ކަނޑަމުންދާތާ 8 ދުވަސް ވެފައިވާ އިރު ރޭ ވަގުތީ ދެ ޖަނަރޭޓަރު ވަނީ ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ.