އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ މަރުކަޒީ އިންޖީނުގެ އަށް ކުރިމަތިވެފައިވާ މައްސަލަ އާޢި ގުޅިގެން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުން ގެންދާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު އެކަން ސޯޝަލް މީޑިޔާގައި ވެސް އެމީހުން ދަނީ ހިއްސާ ކުރަމުންނެވެ.
ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ އައްޑޫ ސިޓީގެ ރައްޔިތަކު ކަރަންޓު ކެނޑިފައިވާ ގަނޑިއެއްގައި ފާޚާނާ ބޭނުންކުރުމަށް އުފުލަން ޖެހުނު ތަކުލީފުތަކެވެ. ކަރަންޓު ކެނޑިފައިވާތީ ފާޚާނާ އަށް އަލި ކުރުމަށް ދަޅެއްގެ މަތީގައި އުއްބަތިއެއް ބަހައްޓައިގެންނެވެ. ކަރަންޓު ނެތުމުން ފާޚާނާ އަށް ފެން ލިބޭނެ ގޮތެއް ނެތެވެ.
އެހެން ކަމުން ހަގީގަތުގައި ވެސް އެވަރުން ގައިން ތާހިރުވާނީ ކިހިނެތް ހެއްޔެވެ؟

އެ ޕޯސްޓަށް ކޮމެންޓްކުރި ބައެއް ފަރާތްތަކުން ވަނީ ކަރަންޓު ނެތުމުން ފެން ނުލިބޭނެ ކަން ފާހަގަކޮށް ރަށުގެ ފުއްޓަރު ފަރާތަށް ދިއުމަށް އެދިފައެވެ. އަދި އެ ނޫން ގޮތެއް ނެތްކަމަށް ވެސް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.
ފެނަކައިން އައްޑޫގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑަނީ 1 ގަޑިއިރަށް ކަމަށް ބުންޏަސް މިއަދު ވެސް 3 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި އޮތެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކޮށްލެވެއެވެ. މިއީ އޭގެ ތެރެއިން އެންމެ ރަައްޔިތެއްގެ އިހްސާސެވެ.
އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.