Last Updated: June 29, 09:17
Monday, June 29, 2026
ޚަބަރު

ވަގުތީ އިންޖީނުތައް އިންސްޓޯލްކޮށް ކަރަންޓް މައްސަލަ ހައްލުކޮށްފި

އައްޑޫ މަރުކަޒީ އިންޖީނުގޭގެ ހަތަރު އިންޖީނަށް މައްސަލަ ދިމާވުމާއި ގުޅިގެން އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑަމުން އައި މައްސަލައަށް ވަގުތީ ހައްލެއް ހޯދަައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް މިރޭ "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ އައްޑޫއަށް ގެނައި ދެ އިންޖީނު އިންސްޓޯލްކޮށް މިރޭ 7 ޖެހިއިރު ނިންމައި ކަރަންޓް ދޫކުރަން ފަށާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ގދ. ތިނަދޫން ރޭ އައްޑޫއަށް ގެނައި ދެ ޖަނަރޭޓަރ ސެޓް ހިންގަން ފަށާފައިވާ އިރު މިރޭ ފަތިހުން ފެށިގެން ފުލް ލޯޑް ނެގޭނެކަމަށެވެ.

"ދެ ޖަނަރޭޓަރ ސެޓް އިންސްޓޯލްކޮށް މިހާރު ހިންގަން ފަށައިފިން އެކަމަކު އާ ޖަނަރޭޓަރ ސެޓަށް ވީމަ ލޯޑް މިނަގަނީ މަޑު މަޑުން، އެކަމަކު މިރޭ ފަތިހު ފުލް ލޯޑް ނެގޭނެކަމަށް މި ބަލަނީ"

ޝަރީފް ވިދާޅުވީ ކަރަންޓްގެ މައްސަލައަށް މިރޭ ވަގުތީ ހައްލެއް ލިބުނަސް ދާއިމީ ހައްލެއްގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން އައްޑޫއަށް ގެނެސްފައިވާ ދެ މެގަ ވޮޓްގެ ދެ ޖަނަރޭޓަރ ސެޓް ބެހެއްޓުމަށްޓަކައި އެ ޖަނަރޭޓަރ ސެޓް ސަޕްލައި ކުރި ޗައިނާ ކުންފުނީގެ ބޭފުޅުން މި މަހު 19 ގައި އައްޑޫއަށް އައިސް އިންސްޓޮލޭޝަން މަސައްކަތް ކުރާނެކަމަށެވެ. އަދި ތާވަލް ކުރެވިފައިވާ ގޮތަށް ލަސްވެގެން ޑިސެމްބަރ މަހަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ގދ. ތިނަދޫން ރޭ އައްޑޫއަށް ގެނެސް ވަގުތީ ގޮތުން ބޭނުން ކުރަމުން ދަނީ 1.1 މެގަވޮޓް އަދި 1.2 މެގަ ވޮޓްގެ ޖަނަރޭޓަރތަކެކެވެ.

ޝަރީފް މިހެން ވިދާޅުވި ނަމަވެސް، މިހާރުވެސް ހިތަދޫގެ މެދުވަލު ސަރަޙައްދުން ކަރަންޓް ކެނޑިފައިވާކަން ފާހަގަކޮށްލެވެ އެވެ.