އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ޝަރީފް ވިދާޅުވި ނަމަވެސް، މިރޭވެސް އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.
އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް ހިތަދޫގެ ބޮޑު ބަޔަކާއި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގެ ބައެއް ހިސާބުތަކުގައި ކަރަންޓެއް ނެތެވެ. ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނުތާ 2 ގަޑިއިރަށް ވުރެ ގިނައިރު ވަނީ ވެފައެވެ.
ފެނަކަ އައްޑޫ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އަލަށް ގެނައި ދެ އިންޖީނަށް ލޯޑް ލިބި މިރޭ ފަތިހަށް ކަރަންޓުގެ މައްސަލަ ހައްލުވާނެ އެވެ.
"ކަރަންޓު ކެނޑުނީ އަލަށް ގެނައި ޖެންސެޓްތައް ގުޅިނަމަވެސް އަދި ލޯޑް ނުލިބޭތީ. ލީޑް ލިބި މިރޭ ފަތިހަށް ކަރަންޓު އެއްކޮށް ރަނގަޅުވާނެ ކަމަށް މިބަލަނީ"، ފެނަކައިގެ އޮފިޝަލަކު އައްޑޫލައިވް އަށް މަޢުލޫމާތު ދެމުން ވިދާޅުވި އެވެ.
މިރޭ 'އައްޑޫލައިވް' އަށް ދެއްވި އިންޓަވިއުގައި ފެނަކައިގެ އެމްޑީ ޝަރީފު ވެސް ވިދާޅުވީ ތިނަދޫ އިން ރޭ އައްޑޫއަށް ގެނައި ދެ ޖަނަރޭޓަރ ސެޓް ހިންގަން ފަށާފައިވާ އިރު ފުލް ލޯޑް ނެގެން ފެށޭނީ މިރޭ ފަތިހުން ފެށިގެން ކަމަށެވެ.
"ދެ ޖަނަރޭޓަރ ސެޓް އިންސްޓޯލްކޮށް މިހާރު ހިންގަން ފަށައިފިން އެކަމަކު އާ ޖަނަރޭޓަރ ސެޓަށް ވީމަ ލޯޑް މިނަގަނީ މަޑު މަޑުން، އެކަމަކު މިރޭ ފަތިހު ފުލް ލޯޑް ނެގޭނެކަމަށް މި ބަލަނީ" ޝަރީފް ވިދާޅުވިއެވެ.