Last Updated: April 24, 10:23
Wednesday, April 24, 2024
ރިޕޯޓް

މިއީ އުފާވެރި މަންޒަރެއް!

މިއީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ ކެނޑުމުގެ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދުމަށް ހިތަދޫގައި ހުންނަ އިންޖީނުގެ އަށް އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ވަޑައިގެން އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.

މި ފޮޓޯއަށް ސޯޝަލް މީޑިޔާގައި އެތައް ބަޔަކު ތައުރީފް އޮއްސާލަމުން އަންނައިރު އެމީހުންގެ ނަޒަރުގައި މިއީ ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން އަންގައިދޭ ފޮޓޯއެކެވެ.

އަދި ސިޔާސީ ގޮތުން ޤައުމު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ސައްތައިން ސައްތަ އެމްޑީޕީ މެންބަރުން ހިމެނޭ ކައުންސިލަކަށް ފެނަކަ އައްޑޫ އޮފީހުން މަރުހަބާ ކިޔާފައިވާ ކަމަށް ބުނެ އެކަމަށް ވެސް ބައެއް މީހުން ވަނީ ތައުރީފްކޮށްފައެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، އިންޖީނުގޭގެ ހާލަތު އޮޅުންފިލުވުމަށް ފެނަކަ އައްޑޫ އޮފީހަށް އިއްޔެ ކައުންސިލުން ގުޅި ކަމަށެވެ. އަދި އިންޖީނުގެ އަށް ގޮސް މަސައްކަތް ހިނގާގޮތް ބެއްލެވުމުގެ ފުރުސަތަކަށް އެދިވަޑައިގަތީ މޭޔަރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް އުފާކުރަން އެކޮޅުން (އިންޖީނުގެއިން) ވަރަށް ރަނގަޅަށް ކައުންސިލް މެންބަރުންނަށް މަރުހަބާ ވިދާޅުވީ. ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން އެބޭފުޅުން މައުލޫމާތު ދެއްވި" އޮފިޝަލް ވިދާޅުވިއެވެ.

މިކަމާއި ބެހޭ ގޮތުން ފެނަކަ އައްޑޫ އޮފީހުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް ފެނަކައިގެ ބައެއް މުވައްޒަފުން ބުނާ ގޮތުގައި ކައުންސިލަށް އިންޖީނުގެއިން ވަރަށް ރަނގަޅަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

އަދި އިންޖީނުގޭގައި ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތަކާއި ބެހޭ މައުލޫމާތު ކައުންސިލާއި ވަނީ ހިއްސާކޮށްއިވާ ކަމަށާއި ކައުންސިލުން ބޭނުން އިރަކު އިންޖީނުގެއަށް ވަޑައިގެންނެވޭނެ ކަމަށް އިއްޔެ އިސްވެރިން އަންގަވާފައިވާ ކަމަށް ވެއެވެ.

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ހިތަދޫ މަރުކަޒީ އިންޖީނުގެއިން މިފެނުނީ އުފާވެރި މަންޒަރެކެވެ. މިކަމަށް އިސްނެންގެވީ ފެނަކަ އައްޑޫ އޮފީހުން ކަމެއް ކައުންސިލުން ކަމަށް ބަލާނެ ކަމެއް ނެތެވެ. މިއީ ހަމަ އުފާވެރި މަންޒަރެކެވެ. ގުޅިގެން މަސއްކަތް ކުރެވިދާނެ ކަން މި ފޮޓޯ އަށް އެކަނި ބަލާލުމުން ވެސް އެބަ އެނގެއެެވެ.