Last Updated: April 19, 11:14
Friday, April 19, 2024
ރިޕޯޓް

އައްޑޫގައި ރައީސް ޔާމީނުގެ ދެކޮޅު ނުޖެހޭ ހުތުރު ސިޔާސަތު

ފޭދޫގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގާ ބިމުފައި ދިދަ ޖަހާފައި. ފޮޓޯ/ އައްޑޫ ލައިވް

ހުކުރު ދުވަހެއްގެ ހެނދުނު ގަޑީގައި ފޫޓުފީތާ ހިފައިގެން ނިކުމެ ބައްޕަގެ ގޯތީގައި މިން އަޅަން އަހަރެންނާއި ކޮއްކޮ އުޅެނިކޮށް މިތާކަށް ޕީޕީއެމަށް ސަޕޯޓުކުރާ ހަރުމީހަކު އަތުވެއްޖެއެވެ. ވާހަކަތައް ފަށައިގެން އިރުކޮޅަކުން ސިޔާސީ ވެއްޖެއެވެ. މީނާ ބުންޏެވެ. ނިކަން ދެކިބަލާށެވެ. ފޭދޫ ދާއިރާގެ ގޮނޑީގައި އައިބީ ހުރިކަމުން ފޭދޫ އެއޮތީ ހިއްކައި ނިމިފައެވެ. މީދޫ ދާއިރާގެ ގޮނޑިއަށް މަރަދޫފޭދޫ ނިޒާރު ހޮވިނަމަ ހަމަޔަގީނުންވެސް ކޮންނަ ބޯޓުގެ މަސައްކަތް ނިންމައިލާނީ މަރަދޫފޭދޫ ފަޅުވެސް ހިއްކައިފައެވެ. މިހިރީ ހައްތާވެސް ރައްޔިތުންގެ މޮޔަކަމުގެ ނަތީޖާއެވެ.

މީނާޔަށް ޒުވާބު ދިނުމަށްވުރެ މޮޅުވެގެންވަނީ ހިމޭނުން ހުރުމެވެ. އެހެންވެ އެއްޗެކޭ ނުބުނެ ހުރީއެވެ. ހިތުގައި ޖެހުނެވެ. ރައްޔިތުން މިޒާތަށް ވިސްނަން ފަށައިފިއްޔާ ވެރިމީހާ ހާދަ އުފާވާނެއެވެ. ރައްޔިތުންނާމެދު ވެރިމީހާ ވިސްނަންޖެހޭ ވިސްނުމެއް ނެތެވެ. ވެރިމީހާޔާ ދޭތެރޭ ވިސްނަން މިޖެހެނީ ރައްޔިތުންނަށެވެ. ރައްޔިތުން އުފާކޮށްދީ ރުއްސުމަކީ ވެރިމީހާ ކުރާންޖެހޭ ކަމެއް ނޫނެވެ. ވެރިމީހާ ރުއްސާފައި ބަހައްޓަން މިޖެހެނީ ރައްޔިތުންނަށެވެ. މިޒާތުގެ ނިޒާމަކަށް ކިޔާނެ ނަމެއްވެސް ހިތަކަށް ނުގެނެވުނެވެ.

ފޭދޫ ފަޅުހިއްކައި ބޮޑުކުރީ ފޭދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށެވެ. ފޭދޫ ރައްޔިތުންނަށް ބިމުގެ ދަތިކަން ކުރިމަތިވީ ކީއްވެ ކޮންގޮތަކުންކަން ބަލައިލުމަކީ ނެތްކަމެއް ނޫނެވެ. މިހާރު ފޭދޫގައި އެތިބީ އިހު ގަމުގައި ތިބި މީހުންނެވެ. ގަމުން އެމީހުން ބޭލީ ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމަކަށްފަހު އިނގިރޭސި ސިފައިންގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ގަން ތަރައްގީ ކުރުމުގެ ގޮތުންނެވެ. އެއީ ގަމުގެ ރައްޔިތުން ބޭނުންވެގެން ކުރިކަމެއް ނޫނެވެ. ދިވެހި ސަރުކާރުގެ އެންގުމަކަށް ތަބާވުމުގެ ގޮތުން ކިޔަމަންތެރިކަމާއެކު ރައްޔިތުން ގަމުން ފައިބައިގެންގޮސް ކައިރީގައިވާ ފޭދޫގައި ވަޒަންވެރިވީއެވެ.

ގަމުގެ ރައްޔިތުން އެރަށުގައި ދެމިތިބިނަމަ އެރައްޔިތުންނަށް އަދިވެސް ގަން ކުޑައެއް ނުވާނެއެވެ. ބިމުގެ ދަތިކަމެއް ކުރިމައްޗެއް ނުވާނެއެވެ. އެހެންނަމަވެސް ސަރުކާރަށް ތަބާވުމުގެ ގޮތުން ރަށުން ފޭބީއެވެ. ކުޑަ ރަށެއްގައި ވަޒަންވެރިވީއެވެ. ގަމުގައި އިނގިރޭސިން ތިބުމުގެ ސަބަބުން ގަމާއި އެންމެ ކައިރީގައިވާ ރަށުގައި ދިރިއުޅުމުގެ ގޮތުން އަތޮޅުގެ އެހެން ރަށްރަށުންނާއި ފުވައްމުލަކާއި ހުވަދޫންވެސް މީހުން އައިސް ފޭދޫގައި ވަޒަންވެރިވީއެވެ. އެހެންވީމާ އިސާހިތަކު ފޭދޫގެ ބިން ކުޑަވެއްޖެއެވެ. ރައްޔިތުންނަށް ދަތިކަން ފޯރާން ފަށައިފިއެވެ. އެހެންވީމާ ފޭދޫގެ ފަޅު ހިއްކައި ބިންބޮޑުކޮށްދީ މި ދަތިކަން ފިލުވައި ދިނުމަކީ ސަރުކާރަށް ލާޒިމު ކަމެކެވެ. އެއީ ކޮންމެހެން ސަރުކާރަށް ސަނާ ކިޔާ މެންބަރަކާއި ރައްޔިތުން ތިބެގެން ކޮށްދޭން ޖެހޭ ކަމެއް ނޫނެވެ. ގަމުގެ ރައްޔިތުން އެރަށުން ބާލައި ފޭދޫގައި ވަޒަންވެރި ކުރުވީވެސް ރައްޔިތުން ތިބިގޮތް ބަލައި ހޯދައިފައެއް ނޫނެވެ.

ގަމުގެ ރައްޔިތުން ފޭދޫއަށް ބޭލީ ކުރިން އެރަށުގައި ތިބި ރައްޔިތުން މަރަދޫގެ އެއްކޮޅަށް ބޭލުމަށް ފަހުގައެވެ. އެއީ މިހާރު މަރަދޫފޭދޫއެވެ. މަރަދޫފޭދޫގައި އެތިބަ މީސްކޮޅު އެމީހުންގެ އަސްލު ރަށްކަމުގައިވާ ފޭދޫގައި ދެމިތިބިނަމަ އަދިވެސް އެމީހުންނަށް ބިމުގެ މައްސަލައެއް ނޯންނާނެއެވެ. ރަށް ކުޑައެއް ނުވާނެއެވެ. އެކަމަކު މަރަދޫގެ އެއްކޮޅުގެ ތަންކޮޅެއްގައި އުޅެން ޖެހުނީމާ މިހާރު އެމީހުންނަށް ބިމުގެ ދަތިކަން ކުރިމަތިވެއްޖެއެވެ. މިކަން ހައްލުކޮށްދިނުމަކީ ސަރުކާރަށް ލާޒިމުކަމެއް ނޫން ބާވައެވެ. މަރަދޫފޭދޫ ރައްޔިތުންނަކީވެސް ގަމުގެ މައްސަލައިގައި ގުރުބާނީތަކެއް ވެފައިވާ މީހުންނެވެ. ގަމުގެ މަޝްރޫއު ހަގީގަތަކަށް ހެދުނީ މަރަދޫފޭދޫ ރައްޔިތުންވެސް ރަށް ދޫކޮށް ފޭބިކަމުންނެވެ. ސަރުކާރުގެ އަމުރަށް ތަބާވިކަމުންނެވެ. ފޭދޫ ރައްޔިތުން ވެފައިވާ ގުރުބާނީ މަރަދޫފޭދޫ ރައްޔިތުންވެސް ވަނީ ވެފައެވެ. އެހެންވީމާ ސިޔާސީ ކުލަޔަކަށް ރަހަޔަކަށް ނުބަލައި މަރަދޫފޭދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލަ ހައްލުކޮށްދޭން ސަރުކާރަށް ޖެހޭނެއެވެ. އެކަން ނުކޮށް ދެއްކޭނެ ހުއްޖަތެއްވެސް ނެތެވެ.

ދެން އޮތީ މަރަދޫއެވެ. ސަރުކާރަށް ތަބާވުމުގެ ގޮތުން މަރަދޫ ރައްޔިތުން ވަނީ އެމީހުންގެ ރަށުގެ އެއްކޮޅު މަރަދޫފޭދޫ މީހުންނަށް ދީފައެވެ. މިކަން ނުކުރިނަމަ މިއަދު މަރަދޫ ރައްޔިތުންނަށް އެމީހުންގެ ރަށް ކުޑައެއް ނުވާނެއެވެ. ސަރުކާރަށް ކިޔަމަންކަން އަދާކުރުމުގެ ގޮތުން އެހެން ރަށެއްގެ ބަޔަކަށް އަމިއްލަ ރަށުގެ އެއްބައި ދޫކޮށްލީމާ މިއަދު މަރަދޫ ރައްޔިތުންނަށް އެމީހުންގެ ރަށް ކުޑަވެއްޖެއެވެ. ބިމުގެ ދަތިކަން ކުރިމަތިވެއްޖެއެވެ. މަރަދޫއަށްވެސް މިމައްސަލަ ކުރިމަތިވީ ގަމުގެ މަޝްރޫއު ހަގީގަތަކަށް ހަދައިދިނުމުގެ ގޮތުން މަރަދޫ ރައްޔިތުން ވެފައިވާ ގުރުބާނީގެ ސަބަބުންނެވެ. އެހެންވީމާ މަރަދޫ ފަޅުހިއްކައިގެން އެރަށް ބޮޑުކޮށްދިނުމަކީވެސް ސަރުކާރަށް ލާޒިމު ކަމެކެވެ. އެކަން ނުކޮށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތެވެ.

ސަރުކާރުން ފޭދޫ ހިއްކައިދީފިއެވެ. އެކަމަކު ޖެހިގެން އޮތް މަރަދޫފޭދޫއާއި މަރަދޫ ހިއްކައިނުދީ މަސައްކަތް ހުއްޓާލާފައި ކޮންނަ ބޯޓުވެސް ގެންގޮސްފިއެވެ. ދެން ޕީޕީއެމް ކުދިން މިކިޔަނީ އައިބީ ހުރިކަމުން ސަރުކާރަށް ސަނާކިޔާކަމުން ފޭދޫއަށް މިކަން ކޮށްދިނީ ކަމުގައެވެ. މަރަދޫފޭދޫ ގޮނޑީގައި ރޮޒައިނާ ހުރިކަމުން އަދި މަރަދޫ ގޮނޑީގައި މަވޯޓާ ޝަރީފު ހުރިކަމުން ސަރުކާރާ އިދިކޮޅު ކަމުން އެއްވެސްކަމެއް ކޮށްދޭން ނުޖެހޭ ވާހަކައެވެ.

އަޖައިބު ހީވެއެވެ. އައްޑޫގައި ވަކިރަށެއްގެ ބަޔަކު ވަކި ގޮތަކަށް ނެތެވެ. އެންމެންވެސް ކިޔަނީ އެކައްޗެކެވެ. އެކަން އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިކާބުންވެސް އޮތީ ސާބިތުވެފައެވެ. ފޭދޫ ފަޅު ހިއްކައިދީފައި މަރަދޫފޭދޫ އާއި މަރަދޫ ހިއްކައި ނުދީ އޮތުމަކީ ސަރުކާރުގެ ވިޔާނުދާކަމުގެ ކޮޅުނެތްކޮޅެވެ. ކުޑަމިނުން މާޒީއަށްވެސް ބަލައިނުލާކަމުގެ ހެއްކެކެވެ. އެހެން ނޫނީ މިޒާތަށް ހުތުރުކޮށް މިކަން ކުރާކަށް ނުކެރޭނެއެވެ. އިނގިރޭސީންނޭ ކިޔުނު ބަޔަކު އައްޑޫއަށް ގެނެސް މިހުރިހާ ސަކަރާތެއް ޖެހީ ދިވެހި ސަރުކާރުންނެވެ. ފޭދޫ އާއި މަރަދޫފޭދޫ އާއި މަރަދޫ ރައްޔިތުން ގުރުބާން ވެފައިވަނީ އެއްވަރަކަށެވެ.

ދިވެހި ރައްޔިތުން ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅު ހަދަނީ މިކަހަލަ ކަންކަން މިހެން ކުރާތީއެވެ. ހޯމްވާކް ނަހަދާތީއެވެ. މާޒީއަށް ނުބަލާތީއެވެ. ރައްޔިތުންނާ ދޭތެރޭ ނުވިސްނާތީއެވެ. ދެން ރައްޔިތުން ރައީސް ޔާމީނާ ދޭތެރޭ ވަކި ސަހަލުކޮށް ވިސްނާނެ ބާވައެވެ. ނުވިސްނާނެއެވެ. ރައްޔިތުން ބޭނުންވާނީ ވީހާވެސް އަވަހަށް މިވެރިކަން ނިމުމަށެވެ.